ސަރުކާރުން ހެއްކަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން މިއަދު ރައްޔިތުމީހާއަށް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ، މިހާރު ފެނިގެން ދަނީ، ޝަރުޢީ ދާއިރާ އިޞްލާޙު ކުރެއްވުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމަށް އެތައް މަސައްކަތްތަކެއް ކުރައްވާ މަންޒަރު ކަމަށެވެ.
އަދި މިއަދު ރައްޔިތުމީހާއާ ގުޅޭގޮތުން، ރާއްޖޭގެ ޝަރުޢީ ކޯޓެއްގައި މައްސަލައެއް ހިނގިކަމުގައިވިޔަސް، އެކަމަށް ޢަދުލުވެރި ޙުކުމެއް ލިބޭނެކަމުގެ ޔަޤީންކަމާ ހިތްހަމަޖެހުން ރައްޔިތުމީހާއަށް އެބަ އޮތް ކަމަށް ޝިފާއު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން، އޭނާ ފާހަަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ކޮންމެ ކޯޓެއްވެސް، އޮތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި ކަމަށާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސްކޭން ނުކޮށް އެ ކޯޓެއްގެ އޮޅިގަނޑު ހުރަސްނުކުރެއްވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް