ބައްރު: ޔޫރަޕް
ފީފާ ރޭންކިން: 25
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 3
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 2006
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: 3 މުބާރާތުގައި ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައިނުވޭ!
ކޯޗު
ނަން: ޑްރަގަން ސްޓޮޖްކޯވިޗް
ގައުމު: ސާބިއާ
އުމުރު: 57 އަހަރު
އުފަންތާރީޚް: 03 މާރިޗް 1965
ޓީމާ ހަވާލުވީ: 2021 ވަނަ އަހަރު
ޑްރަގަން ސްޓޮޖްކޯވިޗްއަކީ ޔޫގޮސްލާވިޔާގެ ނަމުގައި އޮތްއިރު، ސާބިޔާގެ ގައުމީ ޓީމަށް ކުޅެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ވެސް އެޅި ކުރީގެ މިޑްފީލްޑަރެކެވެ. 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ "ވޯލްޑް ކަޕް އޯލް-ސްޓަރ ޓީމް" ގައި ވެސް ހިމެނުނު ސްޓޮޖްކޯވިޗް ކްލަބް ލެވެލްގައި ބޮޑަށް ވިދާލީ ރެޑް ސްޓަރ ބެލްގްރޭޑް އިންނެވެ. "ސްޓަރ އޮފް ރެޑް ސްޓަރ" ގެ ޝަރަފުވެރި ލަގަބު ދެވުނު ހަމައެކަނި 5 ކުޅުންތެރިންގެ ތެރޭގައި އޭނާގެ ހިމެނެއެވެ.
ސްޓޮޖްކޯވިޗް ކޯޗިންގ ކެރިއަރު ފެށީ 2008 ވަނަ އަހަރު ޖަޕާންގެ ނަގޯޔާ ގްރެމްޕަސް އިންނެވެ. އެ ކްލަބާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު، 2015 ވަނަ އަހަރު ޗައިނީސް ސްޕަރ ލީގުގެ ކްލަބަކަށް ކޯޗުކަން ކޮށްދިނެވެ. ސްޓޮޖްކޯވިޗް ސާބިއާގެ ގައުމީ ޓީމާ ހަވާލުވީ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ސާބިއާ އިން 20 މެޗު ކުޅެފައިވާއިރު، އެވްރެޖް ޕޮއިންޓްއަކީ 2.15 އެވެ. އެހެންކަމުން، ސާބިއާގެ ކޯޗެއްގެ ގޮތުގައި އޭނާގެ ނަތީޖާ ވަރަށް ރަނގަޅެވެ. ސާބިއާއިން ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭ-އޯފްއަށް ވެސް ނުގޮސް، ޕޯޗުގަލް އޮތް ގްރޫޕްގެ 1 ވަނަ ހޯދައިގެންނެވެ.
އަމިއްލަ ގައުމުގެ ކޯޗެއް ހުރުމުގެ ހިތްހަމަޖެހުން ސާބިއާއަށް އޮތްއިރު، ސްޓޮޖްކޯވިޗްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް، ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމުގެ ޓާގެޓަށް ވާޞިލްވުމެވެ.
މުހިންމު ކުޅުންތެރިން:
ސާގޭ މިލިންކޯވިޗް-ސަވިޗް
އުމުރުން 27 އަހަރުގެ އިސްކޮޅުން ދިގު ސެންޓްރަލް މިޑްފީލްޑަރ މިލިންކޯވިޗް-ސަވިޗް އަކީ ސާބިއާ ޓީމުގެ އެންމެ މުހިންމު ތަރިއެވެ. އޭނާއަކީ ފުޓްބޯޅައިގެ ބަހުންނަމަ އޯލް-ރައުންޑަރ އެކެވެ. އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވާލައި ޑިފެންސް ކުރުމުގައި ވަރުގަދައެވެ. ބޯޅަ ކޮންޓްރޯލްކުރުމާއި، ރަނގަޅު ތަނަށް ފެންވަރު ރަނގަޅު ޕާސްތައް ލައި، އެޓޭކްތައް އުފެއްދުމުގައި ވަރަށް ވެސް ކްރިއޭޓިވް މިޑްފީލްޑަރެކެވެ. މިޑްފީލްޑަށް ކުޅޭ ކުޅުންތެރިއަކާ ބަލާއިރު، ގޯލާ ވެސް ރައްޓެއްސެވެ. އިޓަލީގެ ލަޒިއޯއަށް ކުޅޭ މިލިންކޯވިޗް-ސަވިޗް މި ސީޒަންގައި މިހާތަނަށް ލަޒިއޯއަށް ލީގުގައި ކުޅުނު 12 މެޗުން 3 ލަނޑުޖަހާ، 7 އެސިސްޓް ވަނީ ހަދާފައެވެ. ޔުރޮޕާ ލީގުގައި ކުޅުނު 6 މެޗުން 2 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.
ސާބިއާގެ ގައުމީ ޓީމުން އޭނާއަށް ޖާގަ ލިބެންފެށީ 2017 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީ ޓީމަށް 35 މެޗު ކުޅެދީފައިވާއިރު، 6 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މިހާރު އޭނާ ހުރި ފޯމަށް ބަލާއިރު، ވޯލްޑް ކަޕްގައި އިދިކޮޅު ޓީމުތަކަށް އެންމެ ނުރައްކާ ބޮޑު އެއް މިޑްފީލްޑަރަށް އޭނާވުން ވަރަށް ގާތެވެ.
ޑުސާން ޓަޑިޗް
ޑުސާން ޓަޑިޗްއަކީ ސާބިއާގެ ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަނެވެ. އަދި ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ވެސްމެއެވެ. ނެދަލެންޑްސްގެ އަޔަކްސް އަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ ލެފްޓު ވިންގަރ މި ވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެ ކްލަބަށް ލީގުގެ މި ސީޒަންގައި މިހާތަނަށް ކުޅުނު 11 މެޗުން 2 ލަނޑު ޖަހާ 7 އެސިސްޓް ހަދާފައިވެއެވެ.
ކްލަބާއި ގައުމީ ޓީމުގެ ވެސް ކެޕްޓަން ބޭންޑް އަޅާ ޓަޑިޗްއަށް ވޯލްޑް ކަޕް ފެށޭ ދުވަހު އުމުރުން 34 އަހަރު ވާނެއެވެ. އޭނާއަށް ސާބިއާގެ ސީނިއާ ޓީމުން ޖާގަ ލިބެން ފެށީ 2008 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީ ޓީމަށް 90 މެޗު ކުޅެދީފައިވާއިރު، 18 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ. ސާބިއާއިން ގަތަރުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކުރާ އުންމީދުގައި މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއަކަށް ޓަޑިޗް ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް