ގައުމީ ބޭންކަށް ދިގު މުއްދަތަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން އެ ބޭންކުން މިރޭ ހަފްލާއެއް ބާއްވައިފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއ...

07 Nov 2017 | 02:37

ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން އެ ބޭންކުން މިރޭ ހަފްލާއެއް ބާއްވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ޚާއްސަ ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ތިން މުވައްޒަފުންކަމަށްވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން، އިސްލާމިކް ބޭންކިންގ ޑިރެކްޓަރ ފާތިމަތު މަނިކެ އަދި ސީނިއަރ ފެސިލިޓީސް އޮފިސަރ މޫސާ މުޙައްމަދު އަށް ޚާއްސަ އެވޯޑެއް ވަނީ ދީފައެވެ. މި ހަފްލާގައި ޖުމްލަ 24 މުވައްޒަފަކަށް ވަނީ އެވޯޑް ދީފައެވެ.

" އެތައް އަހަރެއްވަންދެން ތި ބޭފުޅުން ދައްކަވާފައިވާ ހީވާގިކަމަށާއި ފަރުވާތެރިކަމަށްޓަކައި  ތިއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ތިޔަ ބޭފުޅުން ކޮށްދެއްވާފައިވާ ގިނަ ގުނަ ޚިދުމަތުގެ އަގުވަޒަންކޮށް މިފަދަ ޝުކުރުގެ އިނާމެއް ދެވޭކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވޭތުވެދިޔަ 35 އަހަރު ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށް އައިޝަތު، ފާތިމާ އަދި މޫސައަށް ޚާއްސަ ޝުކުރެއް އަޅުގަނޑު ދަންނަވަން".  އެވޯޑް ލިބުނު ފަރާތްތަކާ މުޚާތަބްކޮށް ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވި އެވެ.

ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެހަފްލާގައި ކޮންމެ އަހަރަކު އެއްފަހަރު މިފަދަ ހަފްލާއެއް ބާއްވާ، ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ބޭންކުންވަނީ ނިންމާފައެވެ. ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން މި އަހަރު އެ ބޭންކަށް ވަނީ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް