ސްމާޓް ފޯނު މާކެޓްގައި އެންމެ ވާދަވެރި ދެ ކުންފުންޏަކީ އެޕަލް އާއި ސެމްސަންގް ކަމާއި މެދަކު ޝައްކެއް ނެތެވެ. އަދި މި ފަހުން ސެމްސަންގް އިން ނެރުނު ގެލެކްސީ ނޯޓް 8 އާއި އެޕަލް އިން ދާދި ފަހުން ނެރުނު އައިފޯނު އެކްސް އާއެކު މި ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފަ އެވެ.
މިފަދަ ދަނޑިވަޅެއްގައި ސެމްސަންގް ޔޫއެސްއޭގެ ޔޫޓިއުބް ޗެނަލަށް އިއްޔެ ވަނީ ވަރަށް ތަފާތު އިސްތިހާރެއް އަޕްލޯޑް ކޮށްފަ އެވެ. މި ވީޑިއޯ ފެށެނީ 2007 އިންނެވެ. މި ވީޑިއޯގައި އުޅޭ ފިރިހެން މެއިން ކެރެކްޓަރ މަގެއްގެ މަތިން ހިނގާފައި ދާ މަންޒަރުންނެވެ. ޖޫން 2007ގައި ނިކުތް އެންމެ ފުރަތަމަ އައިފޯނު ގަންނަން ދަމާލާފައި އޮތް ދިގު ކިއު އެއަށްފަހު ދައްކަ އެވެ. އަދ ދެން އަންނަ މަންޒަރުން ދައްކަނީ އޭނާ ގަތް އައިފޯނު އަންޕެކް ކުރުމަށްފަހު ކޮންމެވެސް މީހަކަށް ގުޅާފައި އައިފޯނެއް ގަތް ވާހަކަ ބުނާ މަންޒަރެވެ.
ދެން މަންޒަރު ބަދަލުކޮށްލަނީ 2010 ވަނަ އަހަރެށެވެ. ދައްކަނީ އައިފޯނަކުން ފޮޓޯއެއްނަގާ މަންޒަރެވެ. އަދި ހަމަ ފޮޓޯ ނެގުމާއެކު މެމޮރީ ފުލްވާކަމަށް މެސެޖު ފޯނަށް އަރަ އެވެ. 2010 ގައި އެޕަލް އިން ނެރުނީ އައިފޯނު ހަތަރެކެވެ. އެ ފޯނުގެ ސްޓޯރޭޖް ސައިޒު ތަކަކީ އަށް ޖީބީ، 16 ޖީބީ އަދި 32 ޖީބީ އެވެ.
ހަތަރުވަނަ މަންޒަރުން ދައްކަނީ 2013 ވަނަ އަހަރު އަނެއްކާވެސް އައު އައިފޯނެއް އަންބޮކްސް ކުރާ މަންޒަރެވެ. 2013 ގައި އެޕަލް އިން ލޯންޗު ކުރީ އައިފޯނު 5 ސީ އަދި އައިފޯނު 5 އެސް އެވެ. އެ އަހަރަކީ ސެމްސަންގް ގެލެކްސީ ނޯޓް 10.1 ލޯންޗު ކުރި އަހަރު ކަމުގައިވާއިރު މި ވީޑިއޯގެ އަންހެން ކެރެކްޓަރ ފުރަތަމަ ފަހަރަށް ދައްކާލަ އެވެ. އޭނާގެ އަތުގައި އޮންނަނީ ސެމްސަންގް ނޯޓެއް ކަމުގައވާއިރު ދެމީހުން އެކަކު އަނެކަކު ނަމްބަރު ސޭވްކުރާ މަންޒަރު ދައްކަ އެވެ. އަންހެންމީހާ އެ ނަމްބަރު ނޯޓު ކުރަނީ އެސް ޕެން އިންނެވެ.
ދެން ދައްކަނީ 2015 ގައި ބޯ ވިއްސާރައިގާ އައިފޯނު ކިއުގައި ފިރިހެން ކެރެކްޓަރު ހުންނަ މަންޒަރެވެ. 2016 އަށް މަންޒަރު ބަދަލުކޮށްލުމަށްފަހު ދެން ފެންނަ މަންޒަރުން އަންހެން ކެރެކްޓަރ ފާލަމެއްގެ މަތީގައި ހުއްޓާ ގޮސް ސިއްސުވާލަން އުޅުމުގެ ތެރޭގައި ދެ ކެރެކްޓަރ އެކުގައި މޫދަށް ނުވަތަ ކޯރަށް ވެއްޓެ އެވެ.
2016 އަކީ ސެމްސަންގް ގެލެކްސީ ނޯޓް 7 (ބެޓެރީ ގޮވާލީ މާކެޓުން އަނބުރާ ނެގި ފޯނު) ބާޒާރަށް ނެރުނު އަހަރު ކަމުގައިވާއިރު އެ މަންޒަރުން ފެންނަނީ އަންހެން ކެރެކްޓަރ ނޯޓް ހަތަކުން ފޮޓޯއެއް ނަގަން ހުންނަ މަންޒަރެވެ. ދެމީހުން ކޯރަށް ނުވަތަ މޫދަށް ވެއްޓުމުން އެ ފެންގަނޑުން އެރުމަށްފަހު ފިރިހެން ކެރެކްޓާގެ ފޯނު ހަނޑޫ ތައްޓެއްގެ ތެރެއަށް ވައްޓާލާ މަންޒަރު ދައްކަ އެވެ. ބެލެވޭ ގޮތުގައި ދައްކުވައިދެނީ ފޯނަށް ފެން އެޅުނީ ކަމުގަ އެވެ.
މަންޒަރު ދެން ބަދަލުކޮށްލަނީ 2017 އަށެވެ. ފިރިހެން ކެރެކްޓަރު އޭނާގެ އައު އައިފޯނު އަންބޮކްސް ކޮށްލަ އެވެ. އަދި އަންހެން މީހާ އާއެކު ހެޑްސެޓް ޝެއަރ ކޮށްގެން އައިފޯނުން ވީޑިއޯއެއް ބަލަ އެވެ. އެއިރު ސެމްސަންގް އެސް 8 މަރުކާގެ ފޯނެއް ޗާޖަށް ޖަހާފައި އޮންނަ މަންޒަރު ދައްކަ އެވެ. އެ ފިރިހެން މީހާ ނުސީދާ ގޮތަކަށް ސެމްސަންގް ފޯނަށް ބަލާލާ މަންޒަރުވެސް ދައްކަ އެވެ.
ދެން ފެންނަ މަންޒަރުން އޭނާގެ އައިފޯނު ކަބަޑަކަށް ލުމަށްފަހު ސެމްސަންގްގެ އެންމެ ފަހުގެ ފޯނެއް އަންބޮކޮސް ކޮށްލަ އެވެ. އަދި އެސް ޕެން އިން ނޯޓެއް ލިޔާ މަންޒަރު ދައްކަ އެވެ.
އިސްތިހާރު ނިންމާލާ މަންޒަރުން ދައްކުވައިދެނީ އައިފޯނު އެކްސް ގަތުމަށް ބަޔަކު ކިއުގައި ތިބޭ މަންޒަރެވެ. ނަމަވެސް އެ ކިއުއަށް ފުރަގަސްދީ އޭނާ ދާ މަންޒަރު ދައްކަ އެވެ. ވީޑިއޯގައި ދެން އަންނަ މެސެޖުގައި ބުނަނީ ގެލެކްސީއަށް އަޕްގްރޭޑް ކުރުމަށެވެ.
މި އިސްތިހާރުގެ ވީޑިއޯ ތިރީގައި އެވަނީ އެވެ.
https://www.youtube.com/watch?v=R59TevgzN3k
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް