އިޓަލީ އަދި އޭސީ މިލާންއަށް ކުޅުނު މައްޝޫރު މިޑްފީލްޑަރ އެންޑްރޭ ފިރްލޯ ފުޓުބޯޅަކުޅުން ހުއްޓާލައިފިކަން އިއުލާނުކޮށްފިއެވެ.
އެމެރިކާގެ މޭޖަރ ލީގް ސޮކާ (އެމްއެލްއެސް) ގައި ނިއުޔޯކް ސިޓީ ފުޓްބޯލް ކްލަބަށް ކުޅެދިން ފަހުމެޗަށްފަހު ކުރި ޓުވީޓުގައި ޕިރްލޯ ބުނެފައިވަނީ އެ މެޗާއެކު ފުޓުބޯޅަ ކެރިއަރ ނިންމާލާކަމަށެވެ. އަދި މި ޓުވީޓުގައި އޭނަގެ ސަޕޯޓަރުންނަށާއި، ކޯޗުންގެ އިތުރުން ހުރިހާ ޓީމު ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާކަން ޕިރްލޯވަނީ ބުނެފަައެވެ.
އުމުރުން 38 އަހަރުގެ ޕިރްލޯ ގެޒެޓާ ދެއްލޯ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ އުމުރުގައި ކުޅެން އުނދަގޫކަމަށާއި ކުޅުން ހުއްޓާލަންވި ވަގުތު އައިސް ޖެހިއްޖެކަމަށެވެ.
ޕިރްލޯގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި އިޓަލީއާއިއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުން ހިމެނެއެވެ. މީގެ އިތުރުން ޕިރްލޯވަނީ އޭސީ މިލާން އާއި އެކު ދެ ފަހަރެއްގެ މަތިން ޗެމްޕިޔަންސް ލީގު ކާމިޔާބުކޮށްފައެވެ. ޕިރްލޯ އެންމެ ގިނަ ކާމިޔާބީތަކެއް ހޯދައިފައިވަނީވެސް އޭސީ މިލާންއާއި އެކުގައެވެ. އޭސީ މިލާން އަށް ޕިރްލޯ ދިހަ އަހަރު ވަންދެން ކުޅެދީފައިވާއިރު މި ދިހަ އަހަރުދުވަހުގެ ތެރޭގައި 400 މެޗު ކުޅެދީ ދެ ފަހަރެއްގެ މަތިން ސޭރީ އޭ ވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. ޕިރްލޯގެ ކެރިއާގައި ހޯދި އިތުރު ކާމިޔާބީތަކުގެ ތެރޭގައި ޔުވެންޓަސް އާއި އެކު ކާމިޔާބު ކުރި ހަތަރު ސޭރީ އޭ ހިމެނެއެވެ.
ބްރެސްސިއާ ގައި ޕްރޮފެޝަނަލް ފުޓުބޯޅަކުޅެން ފެށި 19 އަހަރުދުވަހުގެ ދިގު ކެރިއާގައި ޕިރްލޯވަނީ އިންޓަރ މިލާން، އޭސީ މިލާން، ޔުވެންޓަސް އަދި ނިއުޔޯކް ސިޓީ އެފްސީ އަށް 872 މެޗު ކުޅެދީފައެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ޕިރްލޯއަކި ފުޓުބޯޅައިގެ ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް