ސްޓެލްކޯގެ ޗާޖިން ސްޓޭޝަނުން އެއް ފަހަރާ އަށް ވެހިކަލް ޗާޖު ކުރެވޭނެ!

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވޭ ގޮތަށް ހަދާ ޗާޖިން ސްޓޭޝަނުން އެއްފަހަރާ އަށް ވެހިކަލް ޗާޖު ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ސްޓޭޝަން ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ ވަ...

07 Oct 2024 | 15:00

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވޭ ގޮތަށް ހަދާ ޗާޖިން ސްޓޭޝަނުން އެއްފަހަރާ އަށް ވެހިކަލް ޗާޖު ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ސްޓޭޝަން ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ. އެ ސްޓޭޝަން ހެދުމަށް ކަނޑައަޅާފައިވަނީ ސްޓެލްކޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެ ސްޓޭޝަންގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ސިޔާސަތުގެ ތެރެއިން "ކާބަން ފުޓް ޕްރިންޓް" ކުޑަކުރުމަށާއި އިލެކްޓްރިކް އުޅަނދުތައް ގެންގުޅެން ބޭނުންވާ މީހުންނަށާއި މިހާރު ވެސް ގެންގުޅޭ މީހުންނަށް ލުއި ފަސޭހަތައް ހޯދައިދިނުމުގެ އިތުރުން އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ގާއިމުކުރާ ސްޓޭޝަންތަކެއް ކަމަށެވެ. މީގެއިތުރުން ފަހުމީ ވިދާޅުވީ ރާއްޖޭގައި މިހާރު ބޭނުންކުރާ އީވީ ޗާޖިން ވެހިކަލްތައް ވަރަށް މަދު ކަމަށެވެ.

އެ ކުންފުނިން މިހާރު ގާއިމްކުރާ ސްޓޭޝަނުން އަށް އުޅަނދު އެއްފަހަރާ ޗާޖުކޮށްލެވޭނެ ކަން ވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯއިން މިހާރު ހަދަމުންދާ ޗާޖިން ސިސްޓަމް ރާއްޖެއަށް ގެނެވޭނީ ހަމައެކަނި އެ ކުންފުންޏަށް ކަން ފާހަގަ ކުރައްވައި، ފަހުމީ ވިދާޅުވީ އޭގެ ސަބަބަކީ ކަރަންޓާ ގުޅުންހުރި ހިދުމަތަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން މި ތަން ހަދަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން. މިތަނަށް ބޭނުންވާ ހުރިހާ ކަރަންޓެއް ވެސް އުފައްދާނީ ސޯލާއިން. ސޯލާއިން ކަރަންޓު އުފައްދައިގެން ރައްޔިތުންނަށް ހިދުމަތްދޭނީ. އަޅުގަނޑުމެން މިކަން ފަށައިގަތުމުން ނޫންތޯ ގިނަ މީހުން ކާރު ގެނެސް އެ ބޭނުން ކުރަން ފަށާނީ،" އޭނާ ވިދާޅުވި އެވެ.

ފަހުމީ ކުރިން ވިދާޅުވެފައި ވަނީ އެ ޗާޖިން ސްޓޭޝަން ގާއިމުކުރަނީ އެންމެ ގިނަ ޕަބްލިކް ޗާޖިން ސްޓޭޝަންތައް ގެންގުޅޭ ގައުމު ކަމަށްވާ ދެކުނު ކޮރެއާގައި ހުންނަ މޮޑެލްއަށް ކަމަށެވެ. އެ މޮޑެލްއާ އެކު، ކޮންމެ ތިން ކާރަކަށް ޗާޖިން ސްޓޭޝަނެއް ގާއިމް ކުރާނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވިއިރު ވެސް އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭ ސްޓޭޝަންތަކެއް ހެދުމަށް ނިންމައި މާލެ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީން އެކަމާ ގުޅޭ ދިރާސާތަކާއި ޕްލޭންތަކެއް ވެސް ހެދި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް