ބޭންކް އޮފް މޯލްޑިވްސް އިން ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ. ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓެއްކަމަށްވާ ރުޕ...

07 Oct 2024 | 13:23

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓެއްކަމަށްވާ ރުޕޭ އަކީ މިހާރު ދުނިޔޭގެ 300 މިލިއަން އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކްއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑު ބަލައިގަތުން މަގުފަހިކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ އާއެކު ބައިވެރިވެވޭކަމީ ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭ އުފަލެއް ކަމަށެވެ.

އިންޑިއާގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ރުޕޭގެ ސަބަބުން ފާހަގަކޮށްލަންޖެހޭފަދަ ބޮޑު ބަދަލެއް އައިސްފައިވާއިރު، ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ނެޓްވޯކްގައި، ބޭންކް އޮފް މޯލްޑިވްސް އިން ރުޕޭ ކާޑުގެ ހިދުމަތް ދޭން ފެށުމާއެކު ރުޕޭ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ދެކޭކަމުގައި ނިމާލް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 88 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 7000 އަށް ވުރެ ގިނަ މާރޗަންޓުންނާއި ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް