ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު މަރާމާތުކުރުމަށްފަހު އަލުން ބޭނުންކުރަން ފަށައިފީމު: މެޓް

ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ފަށާފައިވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފައިވަނީ ޑޮޕްލަރ ...

07 Oct 2024 | 07:08

ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ފަށާފައިވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފައިވަނީ ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވި ގިނަދުވަސްތަކަކަށްފަހު މަރާމާތުކޮށް މިއަދު ބޭނުންކުރަން ފަށާފައިވާކަމަށެވެ.

"މި ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭފަދަ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ރާޑަރެއް" މެޓުން ބުނެފައިވެއެވެ.

މި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރު ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމުގައި މެޓުން ބުނެއެވެ. މި ރާޑަރުގެ އެހީގައި، ވާރޭވެހެމުންދާ ސަރަހައްދާއި ވެހެމުންދާ ބޯމިން، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިންފަދަ މައުލޫމާތުތައް ބަލާލެވި، ވިލާގަނޑު ވަކި ސަރަހައްދަކަށް ލަވާލާނެކަމަށް އަންދާޒާކުރެވޭ ވަގުތު (ނައުކާސްޓިން) ވެސް ދެނެގަނެވޭނެކަމަށް މެޓުން ބުނެއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ މި ރާޑަރު މެދުވެރިކޮށް އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތުތައްވެސް ދެނެގަނެވޭއިރު މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މަޢުލޫމާތުތަކަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ރާޑަރު ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭގޮތަށް މަރާމާތު ކުރުމާއި ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ރާޑަރު ބަހައްޓާ މޫސުން ބެލުމާއި ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

މީގެ ހަތަރު މަސް ކުރިން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެފައިވަނީ ހުޅުލޭގައި ހުރި ޑޮޕްލަރ ވެދަރ ރާޑަރު ސިސްޓަމް ހުރި ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ސިސްޓަމަށް މައްސަލަ ޖެހި މަރާމާތުކޮށްފައިނުވާކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ބޯޓުފަހަރު ޖައްސާއިރު ބޭނުންވާ މޫސުމާއިގުޅޭ މަޢުލޫމާތު ނުލިބުމުން އުނދަގޫތަކާ ކުރިމަތިވަމުންދާކަމުގައިވެސް މިނިސްޓަރު ކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް