ޗައިނާގެ ވާވޭއަށް އެހީވި ކަމަށް ތުހުމަތުކުރެވޭ ހަތަރު ކުންފުންޏެއްގެ މައްސަލަ ޓައިވާނުން ބަލަން ފަށައިފިއެވެ.
ޓައިވާނުގެ ސަރުކާރުން ވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ވާވޭއާ ގުޅުން ހުރި ކުންފުނިތަކާއެކު ޗައިނާގައި ވިޔަފާރި ކުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު ކުންފުންޏެއްގެ ވެރިންނާ ބައްދަލުކޮށް އެކަން ހިނގާދިޔަގޮތް ބަލަން ފަށައިފައެވެ.
މި މައްސަލަ ތަހުގީގު ކޮށްފައި މިވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރު ހީވެ، އިންވެސްޓްމަންޓް އެޕްރޫވަލް ޝަރުތުތަކާ ހިލާފުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޓައިވާންގެ އިކޮނޮމިކް މިނިސްޓަރު ވަންގް މެއި-ހުއާ ވިދާޅުވީ ޗައިނާގައި ކުންފުނިތަކުގެ ހަރަކާތްތައް ބެލުމަށްފަހު އެ ކުންފުނިތަކުގެ އިނިޝިއަލް އިންވެސްޓްމަންޓް އެޕްރޫވަލްތަކާ އެއްގޮތްވޭތޯ ބަލާނެ ކަމަށެވެ.
އެއާ ހިލާފުވެއްޖެނަމަ 25 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ނަމަވެސް އެ ކުންފުނިތަކުން ހިލާފުވީ ކޮން އުސޫލެއް ކަމެއް ވަންގް ވިދާޅެއް ނުވެ އެވެ.
ތަހުގީގު ކުރަމުންދާ ކުންފުނިތަކުގެ ތެރޭގައި ޓޮޕްކޯ ސައިންޓިފިކް، އެލް އެންޑް ކޭ އިންޖިނިއަރިން، ޔުނައިޓެޑް އިންޓަގްރޭޓެޑް ސާވިސަސް އަދި ސިކާ-ހަންޓެކް ކެމިކަލް ޓެކްނޮލޮޖީ ޓައިވާން ހިމެނެ އެވެ.
އަދި ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކޮށް ޓައިވާނުގެ ސަރުކާރުން ވަރަށް އަވަހަށް "ކީ ޓެކްނޮލޮޖީ" އާ ބެހޭ ހަރުކަށި އުސޫލެއް އިފްތިތާހު ކުރާނެ ކަމަށް ވެސް ވަންގް ވިދާޅުވި އެވެ.
ބްލޫމްބާގުން މި ހަފުތާގައި ނެރުނު ނޫސް ރިޕޯޓެއްގައި ބުނެފައި ވަނީ އެ ކުންފުނިތަކުން މަސައްކަތް ކުރަމުން ދަނީ ވާވޭ އާ ގުޅިފައިވާ ކުންފުނިތަކާ ގުޅިގެން ޗިޕް ޕްލާންޓްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހެދުމަށް ކަމަށެވެ.
މިއީ ޓައިވާނުން ޗައިނާގައި ކުރާ ޓެކް އިންވެސްޓްމަންޓްތައް މޮނިޓާ ކުރުމުގައި، ހާއްސަކޮށް ނާޒުކު ޓެކްނޮލޮޖީތަކާ ގުޅޭ ގޮތުން ސަމާލުކަން ދޭ ކަން ހާމަކޮށްދޭ ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް