ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން އަނެއްކާވެސް މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ. ދުވަހަށް މައުލޫމާތު ހިއްސާކުރި އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ މެންބަރަކު މިރޭ ވިދާޅު...

07 Oct 2023 | 16:49

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ މެންބަރަކު މިރޭ ވިދާޅުވީ އެކަމަށް ބޭނުންވާ އަދަދަށް ސޮއި މިހާރު ހަމަކުރެވިފައިވާކަމަށެވެ.

ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ މަގާމުން ދުރުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާއިރު ދުވަހަށް މައުލޫމާތު ހިއްސާކުރެއްވި މެންބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީ ކަމުގައިވާއިރު ރިޔާސަތުގައި އިންނަޖެހޭނީ އެމްޑީޕީގެ މެންބަރެއްކަމުގައި އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ މެންބަރުން އިއްތިފާގުވެއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީން މަޖިލީހަށް ވެއްދިއެވެ. އެހެންނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވި އެތައް ދުވަހެއްވެފައިވަނިކޮށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސޯލިހަށް ދެވަނަ ލިބުމާއެކު އެ މައްސަލަ އަނބުރާ ނެގިއެވެ.

އެހެންނަމަވެސް އަލުން އެ މައްސަލަ ވައްދަން މި އުޅޭ ދަނޑިވަޅަކީ ދަ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާ ސަރުކާރުގެ ބައިވެރިއެއްކަމުގައި ޑިމޮކްރެޓްސްއިން ބުނަމުން އަންނަ ދަނޑިވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް