އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާ ސަރުކާރެއްގައި ޑިމޮކްރެޓްސް އިން ބައިވެރިވާނީ ސަރުކާރު ހިންގުމުގައި ކަމުގައި ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ޑިމޮކްރެޓްސް އިން މިހެން ބުނެފައިވަނީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން އެ ޕާޓީގެ ވަގުތީ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސް އިން ބައިވެރިވާނެ ވާހަކަ މީގެ ކުރިން ދެތިންފަހަރަކު ހާމަކުރެވިފައިވާނެކަމަށާއި އެކަން އޭނާވެސް ޓްވީޓް ކުރެއްވި ކަމަށެވެ. "ހަމަ އެކަނި މަޝްވަރާއާ ލަފާ ދިނުމުގައި ބައިވެރިވުމެއް ނޫން، ސަރުކާރު ހިންގުމުގެ ބައިވެރިވުން، މަގާމުތަކުގައިވެސް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވުން" ހަސަން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަދަ މަޝްވަރާތައް ކުރެވެމުން އަންނަނީ ޕީއެންސީ އަދި ޕީޕީއެމްއާއި އެކުގައި ނޫން ކަމަށާއި މިފަދަ މަޝްވަރާތައް ސީދާ ކުރެވެމުން އަންނަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް