ހަމާސް ޖަމާއަތުން އިޒްރޭލަށް އަމާޒުކޮށް ކުއްލިއަކަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން ފަލަސްތީނާއި އިޒްރޭލާއި ދެމެދުގައި ފެށިފައިވާ ކުއްލި ހަނގުރާމައިގާ މަރުވާ މީހުންގެ އަދަދު މަތިވަމުން އެބަދެއެވެ.
އެގޮތުން އެންމެ ފަހުން ލިބޭ މައުލޫމާތައް ބަލާއިރު އިޒްރޭލުން މަރުވި އަދަދު 40 އިން މައްޗަށް ގޮސްފައިވާއިރު ފަލަސްތީނުން މަރުވި އަދަދު އުޅެނީ 200 އާއި ގާތް އަދަދެއްގައެވެ.
ހަމާސް އިން ކުއްލި މިސައިލު ހަމަލާތަކެއް އިޒްރޭލަށް ދިނުމަށްފަހު ވައިގެ މަގުންނާއި ބިމުގެ މަގުން އަދި ކަނޑުގެ މަގުން އިޒްރޭލަށް އަރައިގަތެވެ. އަދި އެއަށްފަހު އިޒްރޭލު ތެރޭގައި ހަމަލާތައް ދޭން ފެށިއެވެ. އިޒްރޭލަށް ހަމާސް ހަނގުރާމަވެރިން އަރައިގަތީ ފުލުފުލުގައި ދެހާހެއްހާ މިސައިލު ހަމަލާ ދިނުމަށްފަހު އެ ހަމަލާތަކުގެ ނިވަލުގައެވެ.
މި ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށްފައިވާއިރު ހަމާސްއިން ބުނަނީ އިޒްރޭލުގެ އެތައް ބަޔަކު ރަހީނު ކުރެވި އަދި އޭގެ ތެރެއިން ގިނަ ބަޔަކު ގާޒާއަށްވެސް ގެންދެވިފައިވާކަމަށެވެ.
ރަހީނުކޮށްފައިވާ ފަރާތްތައް ސަލާމަތް ކުރުމަށާއި ރައްދު ހަމަލާތައް ދިނުމުގެ ގޮތުން އިޒްރޭލު ސިފައިންވެސް ހަމަލާތައް ދޭން ފަށާފައިވާއިރު އެ ހަމަލާތަކުގައި 200 އެއްހާ ފަލަސްތީނު ރައްޔިތުން މަރުވެ ހާހެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. އިޒްރޭލުން ޒަހަމްވި މީހުން އަދަދު އުޅެނީ 700 އިން މަތީގައި ކަމަށް އިޒްރޭލުން ބުނެއެވެ.
މި ހަމަލާތައް ދިގުދެމިގެންގޮސް ވަރުގަދަ ހަނގުރާމައަކަށް ބަދަލުވާނެކަމަށް ބެލެވޭއިރު ބައެއް ގައުމުތަކުން އަންނަނީ ހަމާސްގެ އެ ހަމަލާތައް ކުށްވެރި ކުރަމުންނެވެ. އެހެން ނަމަވެސް އިރާނުންވަނީ ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި އިރާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ފަލަސްތީނާއެކު ގުޅިގެން ހާލަތު ބަލަމުން އަންނަ ކަމުގައި ބުނެފައިވެއެވެ.
ހަމާސްގެ ކުއްލި ހަމަލާތައް އިޒްރޭލަށް ލިބުނީ ކުއްލި ސިހުމެއްގެ ގޮތުގައެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުގެ ޑިފެންސް ސިސްޓަމްވެސް ފެއިލްވެފައިވާކަމުގައި ބެލެވެއެވެ. އަދި ހަމާސް އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން އިޒްރޭލުގެ ބިމުގައި މިހާރުވެސް ހަމަލާތައް ދެމުން އަންނައިރު އިޒްރޭލަށް ހާލަތު އިތުރަށް ގޯސްވެދާނެކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް