ހަމާސް ޖަމާއަތުން ދިން ވަރުގަދަ ކުއްލި ހަމަލާތަކެއްގައި އިޒްރޭލު ސިއްސުވާލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މީގެ ހައެއްކަ ގަޑިއިރު ކުރިން ފުރަތަމަ ހަމަލާ ދޭން ފެށީ ވައިގެ މަގުންނެވެ. އެގޮތުން ހުއްޓުމެއްނެތި ގާޒާއިން ގާތްގަނޑަކަށް ދެ ހާހެއްހާ މިސައިލު ހަމަލާ ދީފައިވާއިރު އެ ހަމަލާތަކުގެ ނިވަލުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން އަދި ބިމުގެ މަގުން ހަމާސް ޖަމާއަތާއި އެ ޖަމާއަތަށް ވާގިވެރިވާ ހަނގުރާމަވެރިން އިޒްރޭލަށް ވަނީ ވަދެގެންފައެވެ. އަދި އެ ހަނގުރާމަވެރިން އިޒްރޭލު ބިމުގައި ހަމަލާތައް ދެމުން އަންނައިރު ހަމާސް އިން އިޒްރޭލުގެ ގިނަ ބަޔަކު ރަހީނު ކުރަމުން އަންނަ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިވަގުތު އިޒްރޭލުން އެ ގައުމުގެ ތެރޭގައި ދިފާއަށް ހަރަކާތްތެރިވަމުން އަންނައިރު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމަ އިއުލާނުކޮށްފައެވެ.
މި ހަމަލާތަކުގައި މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި ރަހީނުކޮށްފައިވަނީ ކިހާ އަދަދެއްގެ މީހުން ކަމެއް އިޒްރޭލުން އަދި އެއްވެސް ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާތައް އިޒްރޭލުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ވެގެން ގޮސްފައިވަނީ ވަރަށް ހައިރާން ކުރުވަނިވި ހަމަލާތަކަށެވެ. އެގޮތުން ފާއިތުވި 15 އަހަރުގެ ތެރޭގައިވެސް މިފަދަ ހަމަލާތަކެއް އިޒްރޭލަށް އަމާޒު ނުވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް