އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި އަދި ގާތް ގުޅުން އޮންނަ ހުރިހާ ގައުމަކަށް ދައުވަތު އަރުވާނެކަމުގައި އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
ނޫސްވެރިން އެ ބައްދަލުކުރެއްވުމުގައި ފިރުޒުލް ވިދާޅުވީ އެ ގައުމުތަކަށް ދައުވަތު އެރުވުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަ ދާކަމަށެވެ.
މިހާތަނަށް އިންތިހާބީ ރައީސްގެ އަރިހަށް ބައެއް ގައުމުތަކުގެ ސަފީރުން ޒިޔާރަތްކުރައްވާފައިވާއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ދިވެހިން ނޭދޭކަން ވަރަށް ސާފު ސަރީހަކޮށް އިންތިހާބީ ރައީސް، އިންޑިއާގެ ސަފީރަށް ދެންނެވިކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ.
އިންޑިއާގެ ސަފީރުވެސް އެ ދެންނެވުމަށް އިހްތިރާމް ކުރެއްވި ކަމަށާއި އަދި ރާއްޖެއަށް އިންޑިއާއިން ދީފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހެދުމާއިމެދު މަޝްވަރާކުރުމަށް އިންޑިއާއިން ތައްޔާރުކަމުގައި ސަފީރު ވިދާޅުވިކަމަށްވެސް ތަރުޖަމާނު ފިރުޒުލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް