އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރަށް ދައުވަތު އަރުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ދަ-ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް އެ ރަސްމިއްޔާތަށް ދައުވަތު އެރުވުމުގެ އުންމީދު، އިންތިގާލީ ޓީމްތަކުންވެސް ކުރާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑރ. މުއިއްޒަކީ "ޕްރޯ ޗައިނާ" އަދި "އެންޓި އިންޑިއާ" ލީޑަރެއްވެސް ނޫން ކަމަށެވެ. އަދި އިންޑިއާ އައުޓް މޫވްމަންޓަކީ އެ ކޯލީޝަންގެ ޕާޓްނަރ ޕާޓީއެއް ކަމުގައިވާ ޕީޕީއެމްގެ މޫވްމެންޓެއް ކަމަށެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާނެކަން ދަ ހިންދޫގައިވެސް ފާހަގަކޮށްފައިވެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ އާ ސަރުކާރުން ދީފާނެތޯ އެ ނޫހުން ރައީސް ނަޝީދު ގާތު އެހުމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގާތްގަނޑަކަށް އިންޑިއާގެ 75 ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ ޑރ. މުއިއްޒު ދެއްވަފާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށާއި އެއީ ޑޯނިއަރ ފްލައިޓާއި ހެލިކޮޕްޓަރު މެއިންޓެއިންކޮށް ބެލެހެއްޓުމަށް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އުތުރު ތިލަފަޅުގެ އެގްރީމަންޓްގައިވެސް އެއްވެސް މައްސަލައެއް ނެތްއިރު އެ އެގްރީމަންޓަށްވެސް އަދި އެ ޕްރޮޖެކްޓަށްވެސް އެއްވެސް ބަދަލެއް ޑރ. މުއިއްޒު ގެންނާވަނެކަމުގައި ގަބޫލުފުޅުނުކުރައްވާކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް