އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސަޢުދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންތިގާލީ އޮފީހުން މައުލޫމާތުދެއްވާގޮތުގައި މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސަޢުދީޢަރަބިއްޔާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވިއެވެ. ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.
ސަޢުދީޢަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ސަޢުދީޢަރަބިއްޔާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވި ކަމަށާއި މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިކަމުގައިވެސް އިންތިގާލީ އޮފީހުން މައުލޫމާތުދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް