ފީނަން އުޅުނު ފަތުރުވެރިއެއްގެ ގައިގާ ލޯންޗަކުން ޖެހި ބޮޑު އަނިޔާއެއް ލިބިއްޖެއެވެ.
އަނިޔާވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއަކަށެވެ. އެ ފަތުރުވެރިޔާއަށް މިއަދު ހަވީރުގެ ވަގުތެއްގައި އަނިޔާވީ އއ. ތޮއްޑޫ ކައިރީގައި ފީނަން އުޅެނިކޮށެވެ.
މިކަމަށް ކޮމެންޓެއް ހޯދާލަން ތޮއްޑޫ ކައުންސިލް ރައީސަށް ގުޅާލުމުން ރައީސް ފޯނު ނުނަންގަވައެވެ. ކައުންސިލް މެންބަރު އަލީ އާދަމް ވިދާޅުވީ މީޑިއާއަށް މައުލޫމާތުދެއްވާނީ ހަމަ އެކަނި ރައީސް ކަމަށެވެ. ކައުންސިލް މެންބަރު ފަޒްލާ ވިދާޅުވީ ރަނގަޅު މައުލޫމާތު އެނގިލައްވާނީ ކައުންސިލް މެންބަރު ޝައިބާނަށް ކަމަށެވެ. ޝައިބާން ފޯނެއް ނުނަންގަވައެވެ. ކައުންސިލް މެންބަރު ޖުނައިދާވެސް ފޯނެއް ނުނަންގަވައެވެ.
ނަމަވެސް ސަން އޮންލައިނަށް މައުލޫމާތުދެއްވަމުން ކައުންސިލް މެންބަރު ފަޒްލާ ވިދާޅުވެފައިވަނީ އެ ފަތުރުވެރިޔާގެ ފައިގެ ކަށިގަނޑުވެސް ފެންނަން އޮތްކަމުގެ މައުލޫމާތު ކައުންސިލް މެންބަރަށް ލިބިލެއްވި ކަމަށެވެ. އަދި ގާތްގަނޑަކަށް 18:30 ހާއިރު އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާކަމަށްވެސް ފަޒްލާ ވިދާޅުވެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ފަތުރުވެރިޔާގެ ގައިގާ ޖެހުނީ 28 މީހުންގެ ޖާގައިގެ ލޯންޗަކުންނެވެ. ނަމަވެސް ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައިވާގޮތުގައި ފަތުރެރިޔާގެ ގައިގާ ޖެހުނީ ޑިންގީއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް