ދުވަހުގެ މޫސުމަށް ބަލާއިރު މިއަދު ވައި އަދި ކަނޑުވެސް ގަދަވާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި އަދި ގުގުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
ހުޅަނގާއި ގުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.
"ކަނޑު: ގަދަވާނެ" މޫސުމީ ބުލެޓިންގައި ބުނެފައިވެއެވެ.
ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.
މިއަދުވެސް މެޓުން ކޮށްފައިވާ އިލްތިމާސަކީ އެންމެހާ ފަރާތްތަކުން އަދި ހާއްސަގޮތެއްގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް