ސާފް ޗެމްޕިއަންޝިޕް 2021: ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން އުއްމީދު އައު ކޮށްފި

މާލޭގައި މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އުއްމީދު އައު ކޮށްފި އެވެ. މި މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ ވެސް ރާ...

07 Oct 2021 | 17:51

މާލޭގައި މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އުއްމީދު އައު ކޮށްފި އެވެ.

މި މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ ވެސް ރާއްޖެ އެވެ. އަދި ހަމަލާތަކެއް އުފައްދާފައިވީ ނަމަވެސް ކީޕަރު ޓެސްޓު ކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

އެހެންނަމަވެސް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ދެވަނަ ހާފުވެސް ފަށައިގެން އެޓޭކުތައް އުފައްދާ ބަންގްލަދޭޝްގެ ގޯލަށް ބޯޅަތައް އަމާޒުކުރުމުގެ ނަތީޖާއަކީ 54 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު ރާއްޖެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދިނުމެވެ. މިއީ ގޯލި އޭރިޔާ ތެރެއަށް މަތިން ހުރަސްވި ބޯޅަ، ވަރަށް ރީތިކޮށް އޯވަރ ހެޑަކުން ކާމިޔާބު ކުރި ގޯލެކެވެ.

ރާއްޖޭގެ ދެވަނަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު (ދަގަނޑޭ) ޖަހައިދިން ލަނޑެކެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ލިބުނީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އަށެވެ.

މި މެޗުން މޮޅުވުމުން ރާއްޖެއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ރާއްޖެއަށް ކުރިއަށް އޮތީ ސްރީލަންކާ އަދި އިންޑިއާ މެޗެވެ.

މި މަހުގެ 10 ވަނަ ދުވަހު ހަވީރު 4 ޖަހާ އިރު ސްރީލަންކާ އާ ދެކޮޅަށް ނުކުންނަ އިރު، އިންޑިއާ އާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 9 ޖަހާ އިރު އެވެ.

މިރޭގެ މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އިރު، ޚާއްސަކޮށް ދިވެހީންގެ ގިނަ ބަޔަކު ދިޔައީ ހުއްޓުމެއް ނެތި ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓު ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް