އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ހައްޔަރުގައި ހުރި ބޮލީވުޑްގެ ސުޕާ ސްޓާ ޝާރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ހައްޔަރު ކުރި ކްރޫޒް ލައިނާގައި އޮތް ޕާޓީއަށް އޭނާ ގެންދިޔައީ ރާވައިގެން ކަމަށް ދޭހަވާގޮތަށް އާރްޔަންގެ ގާނޫނީ ވަކީލު ކޯޓުގައި ވާހަކަ ދައްކައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އާރްޔަން އާއި އިތުރު ހަތް އެކުވެރިން ހައްޔަރު ކުރީ މަސްތުވާތަކެއްޗާއި އެކު ޕާޓީ ކުރަމުންދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ އަދި އާރްޔަން މަސްތުވާތަކެއްޗައް ޕޮސިޓިވްވުމުގެ އިތުރުން އޭނާ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް މީގެ ކުރިން މީޑިއާގައި ރިޕޯޓު ކުރި އެވެ.
އެކަމަކު އާރްޔަން އާއި ގުޅޭ އެ ވާހަކަތައް ފަހުން މީޑިއާގައި ދޮގުކޮށްފައިވެ އެވެ. އާރްޔަން މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެންސީބީގެ ހައްޔަރުގައި ހުރި އިރު މިއަދު ކޯޓަށް ހާޒިރުކޮށް އެ ބިއުރޯއިން ވަނީ އޭނާގެ ބަންދުގެ މުއްދަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދިނުމަށް އެދިފަ އެވެ.
އެ މަޖިލީހުގައި އެކަމަށް ދެކޮޅު ހަދައި އާރްޔަންގެ ގާނޫނީ ވަކީލު އަދި އިންޑިއާގެ އެންމެ މަޝްހޫރު ކްރައިމް ލޯޔަރު ސަތީޝް މަނަޝިންދޭ ވަނީ އާރްޔަންގެ ހައްޔަރާއި ގުޅިގެން އޭނާ ފާހަގަ ކުރާ ފަސް ޕޮއިންޓެއް ފަނޑިޔާރުންނަށް ބުނެދީފަ އެވެ. އާރްޔަން ބުނީ އޭނާ އެދުވަހު ޕާޓީއަށް ދިޔައީ އެކުގައި ހައްޔަރު ކުރި އެކުވެރިޔާ ކަމަށްވާ އަރްބާޒް މާޗަންދާއި އެކު ނޫން ކަމަށެވެ.
އޭނާ ބުނީ ކްރޫޒް ލައިނާއަށް ދިޔައީ ޕްރަތީކް ގަބާ ކިޔާ އެކުވެރިއަކު މެސެޖުކޮށް އެޕާޓީއަށް ދިއުމަށް އެދެމުންދިޔުމުން ކަމަށެވެ. އެކަމަކު އެޕާޓީއަށް ޕްރަތީކް ދައުވަތުދިން އިތުރު މީހުން ނޭނގޭ ކަމަށާއި އާރްޔަން ގަބޫލު ކުރާގޮތުގައި ޕްރަތީކް އޭނާ ޕާޓީއަށް ގެންދަން ބޭނުންވީ ބޮލީވުޑާއި ގުޅުން ހުރި މަޝްހޫރު މީހެއްގެ ދަރިއަކަށް ވާތީ އެވެ.
ދެމީހުންގެ ދެމެދުގައި ގިނަ މެސެޖުތަކެއް ބަދަލުކޮށްފައި ހުންނާނެ ކަމަށާއި އެ މެސެޖުތައް މިހާޜު އެންސީބީގެ އޮފިސަރުންނަށް ފެނިފައިވާނެ ކަން ފާހަގަކޮށް އާރްޔަން ބުނީ އޭގެން އެއްވެސް މެސެޖެއްގައި މަސްތުވާތަކެއްޗާއި ގުޅޭ ވާހަކައެއް ނުހުންނާނެ ކަމަށެވެ. އާރްޔަން ބުނީ އަރްބާޒަށް އެ ޕާޓީއަށް ދައުވަތު ދިންކަން އެނގުނީ ކްރޫޒް ޝިޕްގައި އޮތް އެ ޕާޓީއަށް ވަންނަ ދޮރުމަތިން ކަމަށެވެ.
ދެމީހުން ބައްދަލުވި ވަގުތު އެތަނަށް އެންބީސީގެ އޮފިސަރުން ގޮސް މަސްތުވާތަކެތި ގެންގުޅެންތޯ ސުވާލު ކުރިކަމަށް އާރްޔަން ބުންޏެވެ. އެކަމަކު ނެތް ކަމަށް ބުނުމުންވެސް އެމީހުން އޭނާ ބަލާ ފާސްކުރި ކަމަށާއި އެއްވެސް އެއްޗެއް ނުފެނުމުން ދެން ފާސްކުރީ އަރްބާޒް ކަމަށާއި އަރްބާޒް އަތުން މަސްތުވާތަކެތި ފެނުމުން ދެމީހުން އެކުގައި ގެންދިޔައީ ކަމަށް ބުންޏެވެ.
އޭނާ އިތުރަަށް ބަންދުގައި ބަހައްޓަން ނުޖެހޭ ސަބަބާއި ގުޅޭގޮތުން ވަކީލު ބުނީ އާރްޔަން ހޯމަ ދުވަހުން ފެށިގެން ބަންދުގައި ހުރި އިރު އެއްވެސް ސުވާލެއް ނުކުރާތާ ދެ ދުވަސްވެފައިވާ ކަމަށެވެ. އަދި މިއަދު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަން ބުނިއިރު އާރްޔަން އާއި ދެކޮޅަށް އިތުރު ހެއްކެއްވެސް ހުށަހަޅާފައި ނެތް ކަމަށް ބުންޏެވެ.
އާރްޔަންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއި މެދު ކޯޓުން ނިންމި ގޮތެއް އަދި ނޭނގެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާރްޔަން ވަނީ އެ ދުވަހު މަސްތުގެ ހާލަތުގައި ނެތްކަމުގަވިޔަސް އެންސީބީއަށް ދިން ބަޔާނުގައި އޭނާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެފަ އެވެ. އޭނާ ބަންދުގައި ބަހައްޓަން އެ މީހުން ބޭނުންވީ އާރްޔަން މާ ބިރުން އުޅޭތީ ޝައްކު އުފައްދާފަ އެވެ.
އާރްޔަންގެ ބަންދުގެ މުއްދަތު އަލުން އިތުރު ކުރަން އެންސީބީން އެދެނީ އޭނާ އާއި އަރްބާޒްގެ ބަހަށް އިތުރު މީހަކު ހައްޔަރުކޮށް ސުވާލު ކުރަމުންދާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް