ސޮނީ ޓީވީން ދައްކާ ޑްރާމާ ސިލްސިލާ “ބަޅޭ އައްޗޭ ލަގްތޭ ހޭ 2” ގެ ލީޑް ރޯލުން ފެނިގެންދާ ނަކޫލް މެހެތާ (ރާމް) އަދި ދިޝާ ޕަރްމަރް (ޕްރިޔާ) ގެ ކައިވެނި ހަފްލާ ނުނިމި ދިގުލައިގެން އެންމެ ފަހުން ބެލުންތެރިން ފޫހިވެއްޖެ އެވެ.
އެ ދެމީހުންގެ ކައިވެނި ހަފްލާގެ ސީންތައް އެ ސިލްސިލާގައި ދައްކަން ފެށީ މިދިޔަ މަހު މެދު ތެރޭގައި އެވެ. އެކަމަކު އަދިވެސް ދެމީހުންނަށް ކައިވެނި ކުރެެވޭވަރު ނުވެ އެވެ.
އެކަމާއި ގުޅިގެން ސިލްސިލާގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެ ފޫހިވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފެށުމުން މިހާރު ސޮނީން ވަނީ އާ ޓްރެއިލާއެއް ދައްކަން ފަށާފަ އެވެ. އެ ޓްރެއިލާގައި ފެންނަނީ ޕްރިޔާ ކައިވެނި ހަލްފާ ދޫކޮށް ދާން އުޅެނިކޮށް ރާމް ފަހު ވަގުތު އެތަނަށް ދާ މަންޒަރާއި ގުޅުންހުރި ކަންކަމެވެ.
އެ ބައި އެހާ ދިގު ދަންމާލާފައިވަނީ ސަބަބެއް މެދުވެރިވެ ރާމްއަށް ކައިވެނި ކުރާ ތަނަށް ނުދެވިގެންނެވެ. އަދި ޕްރިޔާ އޭނާ ހޯދަން ހަލްފާ ދޫކޮށް ގޮސްގެން އުޅޭ މަންޒަރާއި ހިންދޫ ދީނުގެ އަޅުކަން ކުރާ ބަޔަކާއި ދިމާވެ އެހީއަށް އެދޭ މަންޒަރުތައް ދައްކަ އެވެ.
އެ ސިލްސިލާ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވީނަމަވެސް ކައިވެނި ހަފްލާ އެކި ސަބަބުތަކާއި ހެދި އެހާ ދިގުވުންވީ ސިލްސިލާގެ އޯޑިއަންސް ގެއްލުމާއި ދިމާއަށް މިސްރާބުޖެހި ކަމަށެވެ ރިޕޯޓުތައް ބުނާގޮތުގައި އެންމެ ފަހުން މި ދެއްކި ޓްރެއިލާ އާއި އެކު އަވަހަށް ކައިވެނީގެ ސީންތައް ނިމުމަކަށް ގެންނާނެ ކަމަށް ބެލެވެ އެވެ.
އެ ސިލްސިލާ އަކީ ރާމް އާއި ޕްރިޔާގެ ކައިވެންޏަށް ފަހު ހިނގާ ކަންކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސިލްސިލާއެކެވެ. މި ސިލްސިލާ ފެށީ މިދިޔަ މަހު ކުރީކޮޅެވެ.
މިއީ “ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ސީޒަން ދޭކެވެ. އޭގެ ސީޒަން އެކެއްގެ ލީޑްރޯލުން ފެނިގެން ދިޔައީ ރާމް ކަޕޫރާއި ސާކްޝީ ތަންވާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް