ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީގެ މަރުގެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިމިވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު ބަލިވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ މަރުވުމާއިގުޅިގެން ނެވެ.
ޕީޖީ އޮފީހުން ބުނީ "ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު މިއޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ރޭ މަރުވެފައި ވަނީ މ. މަލަސް އުމުރުން 46 އަހަރުގެ އިސްމާއިލް ޝަބީން ކަމަށެވެ.
އޭނާއަށް ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ ރޭ 7 ޖަހާކަންހާ އިރު ކަމަށާއި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާގެ ހާލު ދެރަވުމުން އައިސީޔޫއަށް ބަދަލުކޮށްގެން ވެސް ފަރުވާ ދިން ކަމަށް ކަރެކްޝަނަލް ސަރވިސް އިން ވަނީ ބުނެފަ އެވެ
އެ ސަރވިސް އިން ބުނީ ފަރުވާދެމުން ދަނިކޮށް ޝަބީން މަރުވެފައިވަނީ ރޭ 7:30 ހާއިރު ކަމަށެވެ.
ޝަބީންއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި, ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އޭނާ އަންނަނީ ހަކުރު ބައްޔަށް ވެސް ބޭސްކުރަމުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.
ޝަބީން ހޮސްޕިޓަލަށް ގެންދިއުމާއިގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް