ދޮގު ޚަބަރު ނުފަތުރާ، އެންމެކުޑަ އުޖޫރައާ ގުޅޭ އެއްވެސް ޝަކުވާއެއް ރައީސް އަރިހުގައި ގާސިމް ނުކުރައްވާ: އަލީ ސޯލިހު

ދޮގު ޚަބަރު ނުފެތުރުމަށާއި އެންމެކުޑަ އުޖޫރައާ ގުޅޭ އެއްވެސް ޝަކުވާއެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ނުކުރައްވާ ކަމަށް ޖޭޕީގެ...

07 Oct 2021 | 11:45

ދޮގު ޚަބަރު ނުފެތުރުމަށާއި އެންމެކުޑަ އުޖޫރައާ ގުޅޭ އެއްވެސް ޝަކުވާއެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ނުކުރައްވާ ކަމަށް ޖޭޕީގެ އިސްތަރުޖަމާން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި "އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަސައްކަތްތެރިންނަށް ދޭން ނިންމައިފައިވާ އަދަދުތައް ބޮޑުވެގެން އެކަމުގެ ޝަކުވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކުރެއްވި ކަމަށް" ރިޕޯޓުކޮށްފައިވާތީ އެވެ.

ޖޭޕީގެ އިސްތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ އެންމެ ކުޑަ އުޖޫރައާ ގުޅޭ އެއްވެސް ވާހަކައެއް ގާސިމް، ރައީސް ސޯލިހާ މިހާތަނަށް ދައްކަވާފައިނުވާ ކަމަށެވެ. އަދި މިފަދަ ޚަބަރުތައް ފަތުރަނީ ގާސިމްގެ އަގު ވައްޓާލުމަށް ކަމަށެވެ.

"މިއީ ރައްޔިތުންގެ ތެރޭގައި އޮނަރަބަލް ގާސިމް އިބްރާހިމަށް ފަހަކަށް އައިސް އިތުރުވަމުންދާ ލޯތްބާއި އިހުތިރާމް ފެނި، ހަޖަމް ނުވެގެން ލިޔެފައިވާ ލިޔުމެއް. އެއީ އެއްވެސް ޝައްކެއް ނެތް ކަމެއް." އަލީ ސޯލިހު ވިދާޅުވި އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ އަދަދުތަކާ ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން، އިކޮނޮމިކް މިނިސްޓްރީއަށް ލަފާދީފައިވާ އިރު، މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ހާއްސަކޮށްގެން ނެވެ.

މިނިމަމް ވޭޖު ބޯޑުން ބުނީ ކުޑަ އުޖޫރަ ނޑައެޅުމުގައި ބަލައިފައިވާނީ ގާނޫނުގައި އެކަން ކުރުމަށް ބުނެފައިވާ ގޮތަށް ކަމަށެވެ.

އެގޮތުން ގަޑިއިރަކަށް ޖެހޭ ވަރު ބެލުމަށްފަހު، ކުދި ފަންތީގެ ދާއިރާތަކުގައި 8 ގަޑިއިރު މަސައްކަތްކުރާ މީހުންނަށް މަހަކަށް 6،000 އަށްވުރެ މަތީ މުސާރައެއް ލިބޭނެ އެވެ.

ސިވިލް ސަރވިސް މުވައްޒަފުން މެދު ފަންތީގެ ދާއިރާގައި ހިމެނޭ އިރު، ކޮންމެ ދުވަހަކު 6 ގަޑި އިރު މަސައްކަތްކުުރާނަމަ 7000 ރުފިޔާއަށް ވުރެ ދަށް ނޫން މުސާރައެއް ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބޭނެ އެވެ.

މަތީ ފަންތީގެ ދާއިރާތަކުގައި 8 ގަޑި އިރު މަސައްކަތްކުރާ ފަރާތްތަކަށް 10،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭނެ އެވެ.

މިނިމަމް ވޭޖް ރަސްމީކޮށް ފާސްކޮށް ދޭން ފަށާނީ މިނިމަމް ވޭޖް ބޯޑުގެ ލަފައާއި ނިންމުން މިނިސްޓަރު ބެއްލެވުމަށް ފަހު ނެރުއްވާ ގަރާރަކުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް