މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހަވަނަ މެޗުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އެވެ. މި ދެޓީމުގެ ތެރެއިން ރާއްޖެ އަކީ މި މުބާރާތް މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމެވެ. ރާއްޖެއިން ވަނީ މިހާތަނަށް މި މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ. ރާއްޖެއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ބަންގްލަދޭޝްއަށް ބަލާއިރު، ބަންގްލަދޭޝް އަކީ ވެސް މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައިވާ ޓީމެކެވެ.
މިއަދުގެ މެޗަށް މި ދެޓީމު ނިކުންނައިރު، ބަންގްލަދޭޝް ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ. އެގޮތުން އެޓީމު ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވިއިރު، ދެވަނަ މެޗުން ވީއެއްވަރެވެ. ބަންގްލަދޭޝް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާއި ވާދަކޮށް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. ދެވަނަ މެޗުން އިންޑިއާއާއި ވާދަކޮށް ވީއެއްވަރެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ދިވެހިރާއްޖެއަށް ބަލާއިރު، އެޓީމުން މުބާރާތުގައި މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ނޭޕާލާއި ދެކޮޅަށް ކުޅުނުމެޗެވެ. މި މެޗުން ރާއްޖެ ވަނީ ނޭޕާލް އަތުން 0-1 އިން ބަލިވެފައެވެ.
މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު މި މެޗަކީ ދެޓީމަށްވެސް ސެމީއަށް ދިއުމަށް ވަރަށް މުހިންމު މެޗެކެވެ. މިރޭގެ މި މެޗު ބަންގްލަދޭޝްއަށް ވުރެ މުހިންމީ ރާއްޖެއަށެވެ. އެއީ ރާއްޖެ ފުރަތަމަ މެޗުން ބަލިވެފައި އޮތުމުންނެވެ. އެހެން ކަމުން މިރޭގެ މެޗުން ރާއްޖެ ބަލިވެއްޖެ ނަމަ އެޓީމަށް މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. މިރޭގެ މެޗުން ރާއްޖެ މޮޅެއް ހޯދުން ވަރަށް މުހިންމެވެ. އަނެއްކޮޅުން މިރޭގެ މެޗުން ބަންގްލަދޭޝް މޮޅުވެއްޖެ ނަމަ އެޓީމަށް ސެމީގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވީއެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށް ވެގެންދާނެއެވެ.
މިވަގުތު ގުރޫޕް ތާވަލް އޮތް ގޮތުން ގުރޫޕުގެ އެއްވަނަ ލިބެނީ ނޭޕާލަށެވެ. ނޭޕާލް އެއްވަނާގައި އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެގެން ހަ ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި ބަންގްލަދޭޝް އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް އިންޑިއާއަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބިއެވެ. ފުލުގައި އޮތް ލަންކާއަށް ވެސް ޕޮއިންޓެއް ލިބިފައި ނުވެއެވެ.
ބަންގްލަދޭޝް
ސައުތް އޭސިއަން ޒޯން ފަސްވަނާގައި މިވަގުތު އޮތް ބަނގްލަދޭޝް އަކީ ވެސް ސާފް ސަރަހައްދުގެ ފުޓްބޯޅައިގައި މާ ފުންނާބު އުސް ގައުމެއް ނޫނެވެ. ނަމަވެސް ބްނގްލަދޭޝް އަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކޮންމެވެސް ވަރެއްގެ ތާރީޚެއް އޮތް ގައުމެކެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ އެގާރަ މުބާރާތެއްގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ނެރެފައިވާ ނަތީޖާތައް ވެސް މާ ގޯހެކޭ ބުނެވޭކަމަށް ނެތެވެ.
1993 ވަނަ އަހަރު ފެށިގެން މިހާތަނަށް ކުޅެވުނު ބާރަ މުބާރާތުގެ ތެރެއިން އެގާރަ މުބާރާތުގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ވަނީ މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައެވެ. ބަނގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރެކޯޑުތަކަށް ބަލާލާއިރު، އެގައުމުން އެންމެ ފުރަތަމަ މި މުބާރާތުގައި ވާދަކުރީ 1995 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީއަށް ބަނގްލަދޭޝް ދަތުރު ކުރިއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި އެގައުމު ބަލިވީ އިންޑިއާއާއި ވާދަކޮށެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތް ބޭއްވުނީ ބަނގްލަދޭޝްގައެވެ. 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަކަން ބަނގްލަދޭޝް އިން ވަނީ ހޯދާފައެވެ. މި މުބާރާތުގެ ތަށި އިންޑިއާއިން ނެގީ ފައިނަލުގައި ރާށްޖެ ބަލިކޮށެވެ. މިއީ މި މުބާރާތުގައި ބަނގްލަދޭޝްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު މުބާރާތުގައި ވެސް ގަނގްލަދޭޝް އެއްކޮޅުން ފައިނަލް ކުޅެފައިވެއެވެ. މި ފައިނަލުންވެސް އެގައުމު ބަލިވީ އިންޑިއާ އަތުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ބަނގްލަދޭޝް ވަނީ ދަތުރުކޮށްފައެވެ. 2009 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވުނު ހަތަރު މުބާރާތުގައި ބަނގްލަދޭޝްއަށް މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ.
ކީ ޕްލޭޔަރ
ބަނގްލަދޭޝް އަކީ ނިސްބަތުން މާ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެއް ނޫނެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތޭގައި ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރ ޖަމާލް ހެރިސް ބުޔަން ފާހަކޮށްލެވެއެވެ. އުމުރުން 31 އަހަރުގެ ބުޔަން އަކީ ޑެންމާކަށް އުފަން ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 15 އަޖަރުގައި ޑެންމާކުގެ ސުޕަލީގުގެ ޓީމެއް ކަމުގައިވާ ބްރޮންޑްބީ އައިއެފްއިންނެވެ. ޑެންމާކުގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ބުޔަން ބަނގްލަދޭޝްއަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. އެގޮތުން ބަނގްލަދޭޝްގެ ޝައިޚް ޖަމާލް ދަމްބޮންޑިއާއި ޝައިޚް ރުސެލް ކޭއެފްސީ އަށް ވަނީ ކުޅެފައެވެ. ބުޔަން މިހާރު ކުޅެމުން އަންނަނީ ބަނގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ސައިފް ސްޕޯޓިން ކުލަބަށެވެ. ސައިފް ސްޕޯޓިންގް ކުލަބަކީ ބަނގްލަދޭޝް ލީގުގެ ހަތަރުވަނާގައި އޮތް ކުލަބެވެ.
ބުޔަން ބަނގްލަދޭޝްގެ ގައުމީޓީމުގައި ހިމެނިގެން އެންމެ ފުރަތަމަ ކުޅެން ފެށީ 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ. ބުޔަން ވަނީ ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް 12 މެޗު ކުޅެދީ އެއް ގޯލު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބަންގަލަދޭޝްގެ ސީނިއާ ގައުމީޓީމަށް 53 މެޗު ކުޅެދީފައެވެ.
ދިވެހިރާއްޖެ
ރާއްޖެއަކީ އިންޑިއާއަށް ފަހު ދެވަނައަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1997 ވަނަ އަހަރު ނޭޕާަލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖެއަކީ މި މުބާރާތް ދެވަނައަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ގައުމު ވެެސް މެއެވެ.
މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު ރާއްޖެ ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރު ހޯދާފައެވެ.
ސައުތް އޭސިއަން ރޭންކިންގެ 02 ވަނައިގާ މިވަގުތު އޮތް ރާއްޖެ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖެ ވަނީ އެގައުމުން ވާދަކުރި ދިހަ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މުބާރާތެއްގެ ފައިނަލް ކުޅެފައިވާއިރު، ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ.
ރާއްޖެ ފައިނަލުގައި ކުޅެފައިވަނީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައާއި 2003 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވި މުބާރާތާއި، 2008 ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރާއި 2018 ވަނަައަހަރު ބަނގްލަދޭޝްގައާއި ބޭއްވުނު މުބާރާތުގައެވެ.
މީގެ ތެރެއިން މުބާރާތުގެ ތަށި ރާއްޖެއިން ނަގާފައިވަނީ 2008 ވަނަ އަހަރާއި އެންމެ ފަހުން 2018 ވަނަ އަރު ބޭއްވި މުބާރާތުގައެވެ. މި ގެ ފަހަރުވެސް ރާއްޖެ ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހުގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ރާއްޖެއެވެ.
ރާއްޖެ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އެޓީމުން ވަނީ މި ދިހަ މުބާރާތުގައި ޖުމްލަ 43 މެޗު ކުޅެ 22 މެޗުން މޮޅުވެފައެވެ. އެގާރަ މެޗުން އެއްވަރުވިއިރު، ދިހަ މެޗުން ވަނީ ބަލިވެފައެވެ.
މުހިންމު ކުޅުންތެރިން
ނިސްބަތުން ރާއްޖެއަކީ ވެސް މި ސަރަހައްދުގެ އެހެން ގައުމަތަކާއި އަޅާބަލާއިރު ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާޤް (ދަނގަޑޭ) އެވެ.
އޭނާއަކީ މުޅި އޭޝިއާ ސަރަހައްދުން ވެސް ހޮވާލެވޭ ހުނަރުން ފުރިފައިވާ މޮޅު ކުޅުންތެރިއެކެވެ. ސާފް ސަރަހައްދުގައިވެސް މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާއެވެ. ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މިހާތަނަށް ރާއްޖޭގެ ގައުމީޓީމަށް ކުޅެދިން 82 މެޗުގައި 53 ގޯލު ކާމިޔާބު ކޮށްފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ވެސް އަޝްފާޤެވެ. އަޝްފާޤު ވަނީ ޖުމްލަ 20 ލަނޑު ޖަހާފައެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ ތާރީޚީ ކުރިމަތިލުންތަށް
ރާއްޖެ އާއި ބަންގްލަދޭޝް މީގެ ކުރިން 12 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ބަންގްލަދޭޝް ފަސް މެޗުން މޮޅުވިއިރު، ރާއްޖެ މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ. ތިން މެޗު ވަނީ އެއްވަރުވެފައެވެ.
ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި ބަންގްލަދެޝް މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން ދެމެޗުން ބަންގްލަދޭޝް މޮޅުވިއިރު، ރާއްޖެވެސް ވަނީ ދެ މެޗުން މޮޅުވެފައެވެ.
މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެފަހަރުގެ މެޗުން ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއިން ކުރި ހޯދާފައިވަނީ 0-5 ގެ ނަތީޖާއިންނެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖޭގަޑިން 9:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް