ރާއްޖޭގެ އިޤްތިސޯދު އަނބުރާ އިއާދަވާ ދުވެލި ރަނގަޅު ވެއްޖެ: ވޯލްޑް ބޭންކް

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އަނބުރާ އިއާދަވާ ދުވެލި ރަނގަޅު ވެއްޖެކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެފަހަރު ނެރޭ ޞަރަހައްދީ އިޤްތިޞާދީ ރިޕޯޓުގައި ބުނެފިއެވެ. ވޯލްޑް ބޭންކުން ނެރެފައިވަ ރިޕޯޓުގައި ...

07 Oct 2021 | 08:17

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އަނބުރާ އިއާދަވާ ދުވެލި ރަނގަޅު ވެއްޖެކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެފަހަރު ނެރޭ ޞަރަހައްދީ އިޤްތިޞާދީ ރިޕޯޓުގައި ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރެފައިވަ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން ރާއްޖޭގައި އެޅި ފިޔަވަޅު ތަކުގެ ސަބަބުން އިޤްތިޞާދު ދަނީ އަނބުރާ އިއާދަވަމުން ނެވެ. ނަމަވެސް އިޤްތިޞާދު އަނބުރާ އިއާދަވުން ހުރީ ނާޒުކުފައްތަރެއްގަ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އަދި އިޤްތިޞާދީ ދުވެލި އެއްވަރެއްގައި ހިފެހެއްޓިފައި ނުވާއިރު އެހެން ގިނަ ޤައުމުތަކެކޭ އެއްފަަދައިން ރާއްޖޭގެ އިޤްތިޞާދުވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވާސިލްވުމަށް ދިގު ދަތުރެއް ކުރަންޖެހޭ ކަމަށް ވެސް މި ރިޕޯޓުގައި ބެނެފައިވެއެވެ.

އިތުރަށް ހާމަ ބުނެފައިވާ ގޮތުން މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 22.3 އިންސައްތައިގައި ކުރިއަރާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި 2022 ވަަނަ އަހަރުގައި 11 އިންސައްތަ ކުރި އަރާނެކަމަށް ލަފާކޮށްފައިވެއެވެ.

މި ލަފާ ކުރުން ބިނާކޮށްފައި މިވަނީ، އެންމެ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން މި ހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި އަންނާނެ ކަމަށް ބަލައިގެންނެވެ. އަދި އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ޙާލަތަކަށް ރުޖޫޢަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އެއްވަރެއްގައި ކުރިއަރައި،  ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 2023 ގައި އިއާދަ ވާނެ ކަމަށް ބަަލައި ލަފާކޮށްފައެވެ.

ރާއްޖޭގެ ފަޤީރުންގެ ނިސްބަތް މިހިނގާ 2021 ވަނަ އަހަރަށް 9.1 އިންސައްތައަށް ދަށައް ގޮސް، އަންނަ އަހަރު އެނިސްބަތް 4.3 ވެއްޓޭނޭކަމަށްވެސް ލަފާކޮށްފައިވެއެވެ.

ވާލްޑް ބޭންކުން ރާއްޖެއާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވާގޮތުގައި ރާއްޖެ އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ކާރިޡާއިން އަރައިގަތުމުގެ މަގުމަތީގައެވެ. ނަމަވެސް މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިޤްތިޞާދީ ކާރިޡާ އިން އަރައިގަންނައިރު ކުރިއަށްވުރެ ރަަނގަޅަށް އަދި ކާރިޡާތަކަަކަށް ކުރިއަށް ވުރެ  ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަ ކުރުމަށާއި އިޤްތިޞާދު ފުޅާ ކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދޭންޖެހޭ ކަން ހާމަ ކުރެއްވިއެވެ.

ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ޙިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ދުވެލި ކޮވިޑް-19 ގެ ސަބަބުން ހަލުވި ވެފައިވާކަން ވެސް ވަލްޑް ބޭންކުން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓުގެ ޙިދުމަތް ބޭނުން ކުރާކަމަށް 2019 ގެ ތަފާސް ހިސާބުތަކުން ދައްކާކަން ފާހަގަ ކުރައްވާ، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުންވެސް ރާއްޖެފަދަ ޤައުމުތަކަކަށް ވުރެ މަތި އަދަދެއް ކަން ފާހަގަ ކުރައްވާފައިވެއެވެ.

އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށްޓަކައި އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތު ބައްޓަންކުރުމުގަަ އާއި ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭންޖެހޭކަން ކަން ފާހަގަ ކުރައްވާފައިވެއެވެ.

ހަމަ އެއާއެކު ޑިޖިޓަލް ދުނިޔެ އަކަށް ބަދަލު ވަމުންދާ މި ދަނޑިވަޅުގައި ހުރިހާ ޓެކްނޮލޮޖީގެ އާ ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނޭގޮތް ފަހިކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ޤާބިލްކަމާއި ހުނަރު އިތުރު ކުރަން ޖެހޭ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވާލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑަައަޅާފައި ހުންނަވާ ޗީފް އިކޮނޮމިސްޓް ހޭންސަމް ޓިމާ ވިދާޅުވިގޮތުގައި ތަކެތި އުފެއްދުމާ ގުޅުންހުރި ސިނާއަތްތަކަށް ވަނުމުގައި ގޮންޖެހުންތަަކަކައި ކުރިމަތިލާން ޖެހިފައިވާ ދެކުނު އޭޝިއާގެ ޤައުމުތަކުން ޙިދުމަތްތައް، ޙާއްސަކޮށް ފަތުރުވެރިކަމާއި ވިޔަފާރި ހިންގުމާ ގުޅުންހުރި ޙިދުމަތްތައް، އެކްސްޕޯޓްކޮށްގެން އެހެން ސަރަހައްދުތަކުގެ ޤައުމުތަކަށްވުރެ މި ދާއިރާގައި ކުރި ހޯދުމުގެ ފުރުސަތު ބޮޑެވެ. އިތުރަށް ހާމަ ކުރެއްވިގޮތުގައި ޙިދުމަތްތަކުގެ މައްޗައް ބިނާވެފައިވާ އިޤްތިޞާދީ ކުރިރުމުގެ ފައިދާ އެންމެ އެކަށޭނެ ގޮތުގައި ނެގުމަށްޓަކައި، މި ސަރަހައްދުގެ ޤައުމުތަކުން ޤާނޫނީ އޮނިގަނޑު މުރާޖަޢާކޮށް އުފެއްދުންތެރި ހިޔާލުތަކާއި ވާދަވެރިކަން ކުރިއަރުވާނެ މުއައްސަސާތައް ޤާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް