ކުޑަކުދިންނަށް މެލޭރިއާ ވެކްސިން ދޭން ވަރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ފުރަތަމަ ފަހަރަށް ހުއްދަ ދީފި އެވެ.
ކުޑަކުދިންނަށް މި ވެކްސިން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވަނީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދާއި މެލޭރިއާ ފެތުރޭ މިންވަރު އިތުރު ވެފައިވާ ސަރަހައްދުގެ ގައުމުތަކަށެވެ.
މި ހުއްދަ ދީފައިވަނީ ގާނާ، ކެންޏާ އަދި މަލާވީގައި ކުޑަކުދިންނަށް ވެކްސިން ފޯރުކޮށްދިނުމަށް ހިންގާ ޕައިލެޓް މަޝްރޫއެއްގެ ނަތީޖާތަކަށް ބެލުމަށް ފަހުގައި ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މިއީ ތާރީޚީ ވަގުތެއް ކަމަށާއި ކުޑަކުދިންނަށް މެލޭރިއާ ވެކްސިނެއް ލިބުމަކީ ސައެންސްގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ހުއްދަ އާއެކު އުމުރުން 5 މަހުން ފެށިގެން 4 ޑޯޒްއެއްގެ ވެކްސިން ޖަހައިގެން ވެކްސިން ފުރިހަމަ ކުރުމަށް އެ ޖަމިއްޔާއިން ވަނީ ލަފާ ދީފަ އެވެ.
މަދިރީގެ ސަބަބުން ފެތުރޭ މެލޭރިއާ އަކީ މެލޭރިއާއަކީ ޕްލަސްމޯޑިއާއޭ ކިއާ ޕެރަސައިޓެއްގެ ގުރޫޕަކުން ޖެހޭ ބައްޔެކެވެ. ޚާއްސަކޮށް ހޫނު ގައުމުތަކުގައި އުޅޭ މީހުންގެ މެދުގައި މި ބަލި ފެތުރުން ވަނީ އާންމު ވެފަ އެވެ.
މީގެ އިތުރުން ފަގީރު ގައުމުތަކުގައި މިބަލި ވަރަށް ފަސޭހައިން ފެތުރޭ އިރު، މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އަދި ކޮންމެ ޖިންސެއްގެ މީހުންނަށް ވެސް ޖެހިދާނެ ބައްޔެކެވެ.
މި ވެކްސިނަކީ މެލޭރިއާއާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ކަން ދެނެގަނެވުނީ މީގެ 6 ވަރަކަށް އަހަރު ކުރިން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް