ރާއްޖެއިން ބަންގްލަދޭޝްއަށް އެސްޓްރަޒެނިކާ ވެކްސިންގެ ދެ ލައްކައަށްވުރެ ގިނަ ޑޯޒު ހަދިޔާކޮށްފި އެވެ.
މި އެއްބަސްވުމުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް ހަސަން ސޮއި ކުރެއްވީ އިއްޔެ އެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރިބިއުންގައި ބުނެފައިވާ ގޮތުގައި އެހީގެ ގޮތުގަ ރާއްޖެއިން ހަދިޔާ ކުރި ވެކްސިން މާދަމާގެ ވަގުތެއްގައި ގަތަރު އެއާވޭސްގެ ފްލައިޓެއްގަ އެގައުމަށް ގެންދާނެ އެވެ. ރާއްޖެއިން ހަދިޔާކޮށްފައިވަނީ އެސްޓްރަޒެނިކާގެ ޖުމްލަ 201،600 ޑޯޒެވެ.
ރާއްޖެއިން ހަދިޔާކުރި ވެކްސިނަކީ ދެ ގައުމުގެ ގުޅުން އިތުރަަށް ރަނގަޅު ވުމަށް ބާރަކަށް ވެގެންދާނެ އެވެ. ރާއްޖެއިން ބަންގްލަދޭޝްއަށް ވެކްސިން ހަދިޔާ ކުރަން ނިންމީ ވެކްސިން ޖެހޭ އާބާދިއަށް ބޭނުންވާ ވަރަށް ވެކްސިން ހަމަވުމާއި އެކު ވެކްސިން ޑޯޒު އިތުރު ވުމުންނެވެ.
ރާއްޖެއަށް މިހާރު ލިބިފައިވާ ވެކްސިން އިން 69 ޕަސެންޓަށް ވެކްސިން ދީ ވަނީ ނިންމާފަ އެވެ. ހުރިހާ ގައުމެއްގެވެސް އަމާޒަކީ އާބާދީގެ 80 ޕަސެންޓަށް ކޯވިޑް ވެކްސިން ދިނުމެވެ.
ބަންގްލަދޭޝްގައި އަދި ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ފުރިހަމަ ކުރެވުނީ އެންމެ 15 ޕަސެންޓު މީހުންނަށެވެ. އެ ގައުމުގައި ބޭނުން ކުރަމުންދަނީ ސިނޯފާމް، އެސްޓްރަޒެނިކާ ، މޮޑާނާ އަދި ފައިޒާ ވެކްސިނެވެ.
ބަންގްލަދޭޝްގެ އިތުރުން ނޭޕާލަށްވެސް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ރާއްޖެއިން ވަނީ ނިންމާފަ އެވެ. އޭގެ ތަފްސީލް އަދި އެއްވެސް ގައުމަކުން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި މިހާތަނަށް މިހާތަނަށް 392،773 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 343،149 މީހަކު ވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން ހައި ރިސްކް މީހުންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ވެސް ޖަހައިދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް