އޭޝިއާ ބެސްޓް އެޕްލޯޔަރ ބްރޭންޑް އެވޯޑް 4 ވަނަ ފަހަރަށް ބީއެމްއެލްއަށް

ވަރލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ހަތަރު ވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ލިބިއ...

07 Oct 2021 | 06:06

ވަރލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ހަތަރު ވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

މިއެވޯޑް ބޭންކާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއްކުންފުންޏަކަށް ބޭންކް ވަނީ ހޮވިފަ އެވެ.

މީގެ އިތުރުން މުޅި ދުނިޔެއަށް ވެސް ދިމާވި އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަކޮށްފަ އެވެ.

ވަރލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ދެވޭ އެވޯޑެކެވެ. ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް މި އެވޯޑްގެ ޖަޖިން ޕެނަލްގައި ހިމެނޭއިރު އެޗް.އާރު ގެ ދާއިރާއިން ހޯދައިފައިވާ ކާމިޔާބަށް ބަލައި ކުންފުނިތަކަށް އެވޯޑް ދެވެއެވެ.

ބޭންކުން އޮންލައިންކޮށް ބައިވެރިވި މިއެވޯޑް ހަފްލާގައި ބޭންކުގެ ފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެފައިވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުޙައްމަދު މާއިޒް، ހެޑް އޮފް ބްރާންޗެސް އެންޑް ސަރވިސް ސެންޓަރސް، ޙުސައިން ރަޝީދު އަދި ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު ޢަލީ އެެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ ހަތަރު ވަނަ ފަހަރަށް މި އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސްއަށް ކުރި ނޭދެވޭ އަސަރާއެކު އެ ބޭންކުން އެންމެ މުހިންމު އަމާޒަކަށްވީ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން ކަމަށެވެ.

" އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން. މި އެވޯޑް ބޭންކަށް މިފަހަރުވެސް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން." ސަހާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ނެވެ.

އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުން ނެވެ.

ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ އެކި ހަރަކާތްތައް ބާއްވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް