ސާފް ޗެމްޕިއަންޝިޕް 2021: އިންޑިއާ – ސްރީލަމްކާ | ޕްރިވިއު

މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ބައްދަލުކުރާ ދެ ޓީމަކީ ސްރީލަންކާ އާއި އިންޑިއާ...

07 Oct 2021 | 03:48

މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ބައްދަލުކުރާ ދެ ޓީމަކީ ސްރީލަންކާ އާއި އިންޑިއާ އެވެ. މި ދެޓީމުގެ ތެރެއިން އިންޑިއާ އަކީ މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ އެންމެ ކާމިޔާބު ޓީމެވެ. އިންޑިއާއިން ވަނީ ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. ސްރީލަންކާއަށް ބަލާއިރު، ލަންކާ ވެސް ވަނީ މީގެ ކުރިން މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައެވެ.

މިއަދުގެ މެޗަށް މި ދެޓީމު ނިކުންނައިރު، ސްރީލަންކާ ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ. އެގޮތުން ސްރީލަންކާ ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ ލަންކާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝާއި ވާދަކޮށް 0-1 އިން ބަލިވެފައިވާއިރު، ދެވަނަ މެޗުން ވަލިވީ ނޭޕާލާއި ވާދަކޮށް 2-3 ގެ ނަތީޖާއިންނެވެ. އިންޑިއާ މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ބަނގްލަދޭޝްއާއި ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗު 1-1 އިން ވީ އެއްވަރެވެ.

މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު މި މެޗަކީ ދެޓީމަށްވެސް ސެމީއަށް ދިއުމަށް ވަރަށް މުހިންމު މެޗެކެވެ. މިރޭގެ މި މެޗުން ލަންކާ ބަލިވެއްޖެ ނަމަ އެޓީމަށް ސެމީއަށް ދިއުމަށް އޮތް ފުރުސަތު އެއްކޮށް ކަހަލަ ގޮތަކަށް ބަންދުވީއެވެ. ލަންކާއަށް ކިރިޔާވެސް އުންމީދެއް އޮތީ މިއަދުގެ މެޗުން އިންޑިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަނެއްކޮޅުން މިއަދުގެ މެޗުން އިންޑިއާ ބަލިވި ނަމަވެސް އެޓީމަށް ސެމީގެ ފުރުސަތު ހަނިވެގެން ދާނެއެވެ. އިންޑިއާއަށް ވެސް މުބާރާތުގައި ކުރިޔަށް ދެވެން އޮތީ މިއަދުގެ މެޗުން ލަންކާ ބަލިކޮށްގެންނެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ.

މިވަދުތު ގުރޫޕް ތާވަލް އޮތް ގޮތުން ގުރޫޕުގެ އެއްވަނަ ލިބެނީ ނޭޕާލަށެވެ. ނޭޕާލް އެއްވަނާގައި އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެގެން ހަ ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި ބަންގްލަދޭޝް އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް އިންޑިއާއަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބިއެވެ. ފުލުގައި އޮތް ލަންކާއަށް ވެސް ޕޮއިންޓެއް ލިބިފައި ނުވެއެވެ.

އިންޑިއާ

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައެވެ.

ފީފާ ރޭންކިންގެ 107 ވަމާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 11 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ ހަތް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ.

އިންޑިއާ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އެޓީމުން ވަނީ މުޅި މުބާރާތުގައި ޖުމްލަ 52 މެޗު ކުޅެ 34 މެޗުން މޮޅުވެފައެވެ. ދިހަ މެޗުން އެއްވަރުވިއިރު، އަށް މެޗުން ވަނީ ބަލިވެފައެވެ.

ކީ ޕްލޭޔަރ

އިންޑިއާއަކީ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް ފުޓްބޯޅަ ލީގު އޮންނަ ހުނައރުވެރި ތަރިން ގިނަ ގައުމެވެ. އެހެން ކަމުން ސާފް ގައުމުތަކުގެ ތެރެއިން އެންމެ ފެންވަރުގެ ގޮތުން ރަނގަޅު ކުޅުންތެރިން ތަކެއް ތިބޭ އެއްގައުމަށް އިންޑިއާވާނެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތްރީއެވެ. ޗެތްރީއަކީ މިވަގުތު އިންޑިއާގެ ނަމްބަރ ވަން ފުޓްބޯޅަ ކުޅުންތެރިއާއެވެ.

ޕޯޗުަލްގެ ތިންވަނަ ޑިވިސަން ކުލަބެއް ކަމުގައިވާ ސްޕޯޓިން ސީޕީއަށް ވެސް ކުލެފައިވާ ތަޖުރިބާކާރު ފޯވާޑް އަންނަނީ އިންޑިއާގެ ގައުމީޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިހާރު އިންޑިއާ ސުޕަލީގުގެ ބެންގަލޫރު އެފްސީއަށް ކުޅެމުން އަންނަ ފޯވާޑް ވަނީ އިންޑިއާގެ ގައުމީޓީމަށް މިހާތަނަށް 120 މެޗު ކުޅެދީ 75 ލަނޑުވެސް ޖަހައިދީފައެވެ. އިންޑިއާގެ ފުޓްބޯޅަ ތާރީޚުގައިވެސް އިންޑިއާގެ ގައުމީޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ޝަރަފުވެސް ލިބިފައިވަނީ ސުނިލް ޗެތްރީއަށެވެ.

ސްރީލަންކާ

މިރޭގެ މެޗަށް ކުރިމަތިލާއިރު، ލަންކާއަށް އޮތް އެންމެ ބޮޑު ހިތްދަތި ކަމަކީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެފައި އޮތުމެވެ. އެހެން ކަމުން މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދަން އެޓީމަށް މަޖުބޫރެވެ. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ލަންކާއަށް މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ހުރަސްތަކާއި ކުރިމަތިވާނެއެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމަށް މޮޅެއް ހޯދުން ވަރަށް މުހިންމެވެ.

ސައުތް އޭސިއަން ޒޯން ރޭންކިންގްގެ ހަތް ވަނާގައި މިވަގުތު އޮތް ސްރީލަންކާއަކީވެސް ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ލަންކާއަކީވެސް 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ މިހާނަތަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި މުބާރާތުގައި އެ ގައުމު ނެރެފައިވާ ނަތީޖާތައް ވެސް ހަމަ ރަނގަޅެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ނެރެފައިވާ ނަތީޖާތަކުގެ ރެކޯޑްތަކަސް ބަލާއިރު، އެގައުމުން ވަނީ އެންމެ ފުރަތަމަ ވާދަކުރި މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅެފައެވެ. އަދި ޖެހިގެން އައި އަމިއްލަ ގައުމުގައި 1995 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވުނު މުބާރާތާއި 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ލަށް ލަންކާ ވަނީ ދަތުރު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭޝްގައި ވޭއްވުނު މުބާރާތުން ލަންކާ ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.

އިންޑިއާ އާއި ސްރީލަންކާގެ ތާރީޚީ ވާދަކުރުންތައް

އިންޑިއާ އަދި ލަންކާ މީގެ ކުރިން 16 ފަހަރު ބައްދަލުކޮށްފައިވެއެވެ. މީގެ ތެރެއިން އިންޑިއާ ނުވަ މެޗުން މޮޅުވެފައިވާއިރު، ލަންކާއަށް މޮޅުވެވިފައިވަނީ ތިން މެޗުންނެވެ. ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ.

އިންޑިއާ އަދި ސްރީލަންކާ މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހަތް ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން އިންޑިއާ ހަތަރު މެޗުން މޮޅުވެފައިވާއިރު، ލަންކާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ދެ މެވުން ވަނީ އެއްވަރުވެފައެވެ.

އިންޑިއާއާއި ލަންކާ ބައްދަލުކުރާ މެޗު ފަށާނީ މިައދު ހަވީރު ރާއްޖޭ ގަޑިން 4:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް