މުޙައްމަދު ތަކުރުފާނަކީ ދިވެހި ޤައުމު އެބޭފުޅަކަށްޓަކައި ފަޙުރުވެރިވާ، އެފަދަ ދެވަނަ އެއްނުވާ ދިވެހި ޤައުމުގެ ތާއަބަދުގެ ޤައުމީ ބަޠަލެވެ. މުޙައްމަދު ތަކުރުފާނުގެ ބަފައިކަލުންނަކީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނެވެ. މައިކަމަނާ އަކީ އިހަވަންދޫ އައިމިނާ ދިޔޯއެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހއ. އުތީމުގައި ހުންނަ ހުސައިން ޙަތީބް ތަކުރުފާނުގެ ގެއަށެވެ. އެއީ މިހާރުގެ އުތީމު ގަނޑުވަރެވެ.
މުޙައްމަދު ތަކުރުފާނުގެ ޖިހާދު ޙާއްސަވެގެންވަނީ އެންމެ ދިގު އަޅުވެތިކަމަކުން މި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމުންނެވެ. އަދި ވެރިކަމާއި ހަމައަށް އެ ރަދުން ވަޑައިގެންނެވީ ވެރިކަމުގެ ފޮނިމީރުކަމާ ޤަދަރު ބޭނުން ފުޅުވެގެންނޭ ދެންނެވެން ނެތުމުންނެވެ.
އިސްކަންދަރު އެގާރައިގެ ރާދަވަޅީގައިވާގޮތުން އެ ތަކުރުފާނު ރަސްކަންކުރެއްވީ 1573މ-1585މ. އަށެވެ. ބުނެވޭގޮތުގައި އެއީ ބާރަ އަހަރާއި އެއްމަސް ދުވަހެވެ.
މުޙައްމަދު ތަކުރުފާނަކީ ދިވެހި ޤައުމު އެބޭފުޅަކަށްޓަކައި ފަޙުރުވެރިވާ، އެފަދަ ދެވަނަ އެއްނުވާ ދިވެހި ޤައުމުގެ ތާއަބަދުގެ ޤައުމީ ބަޠަލެވެ.
މުޙައްމަދު ތަކުރުފާނުގެ ޖިހާދު ޙާއްސަވެގެންވަނީ އެންމެ ދިގު އަޅުވެތިކަމަކުން މި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމުންނެވެ. އަދި ވެރިކަމާއި ހަމައަށް އެ ރަދުން ވަޑައިގެންނެވީ ވެރިކަމުގެ ފޮނިމީރުކަމާ ޤަދަރު ބޭނުން ފުޅުވެގެންނޭ ދެންނެވެން ނެތުމުންނެވެ.
މުޙައްމަދު ތަކުރުފާނު ވެރިކަމާއި ހަމަޔަށް ވަޑައިގެންނެވީ 15 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒުންގެ އަނިޔާވެރި ވަކިތަކުގެ ދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް ފަހުއެވެ.
ރަސްކަމާއި ދީން ދޫކުރައްވާ ކޮއްޗޭއަށް ވަޑައިގެން ހުންނެވި ހިލާލީ ދަރިކޮޅުގެ ނުވަވަނަ ހަސަން ރަސްގެފާނު އެކި ފަހަރު މަތިން ރާއްޖެއަށް ޕޯޗުގީޒުން ފޮނުވާ ދިވެހިން ޝަހީދުކޮށް ވެރިކަމަށް އަތްގަދަ ކުރަމުން ދިޔައެވެ.
އެގޮތުން ނުވަވަނަ ޙަސަން ރަސްގެފާނުގެ މަކަރުވެރި ރޭވުމުގެ މަތިން ޕޯޗުގީޒުން މާލެ އަރާ އަލިރަސްގެފާނު ޝަހީދުކޮށް އެބައިމީހުންގެ މަރުކަޒު މާލޭގައި ޤާއިމުކުރިއެވެ. ރާއްޖޭގައި ޕޯޗުގީޒުންގެ އަނިޔާވެރި ރަސްކަމެއް ފެށިއެވެ.
އެ ދުވަސްވަރަކީ ދިވެހިން ދުށް ނާމާން ބިރުވެރި ދުވަސްވަރެކެވެ. ދިވެހިންނަށް ނަސާރާ ދީނަށް ތަބާވުމަށް އަމުރުކޮށް، ދިވެހިންގެ ހިތްތަކުން އިސްލާމްދީން ފުހެލުމަށްޓަކާ ދިވެހިންނާމެދު ލާއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގަމުން ދިޔައެވެ. އިސްލާމުންގެ ލެއިން ކަނޑުތައް ރަތްވެގެން ދިޔަ ދުވަސްވަރެކެވެ.
މި ގޮތުގައި 15 އަހަރު ވޭތުވެދިޔުމަށްފަހު މާތް ﷲ ގެ އިރާދަފުޅާއި ރަޙުމަތްފުޅުން މުޙައްމަދު ތަކުރުފާނު އިސްވެހުންނަވާ، ކަޅުއޮއްފުންމި ބެންނެވިއެވެ. އަދި ޚުދު އެތަކުރުފާނު ކޮމާންޑަރަކަށް ހުންނަވާ އުތީމު ތިންބެއިންނަށް ބައިއަތު ހިއްޕެވި ދިވެހިންނާއެކު ޕޯޗުގީޒުންނާ ހަނގުރާމަކުރައްވާ މިޤައުމަށް ނަސްރު ހޯއްދަވައި ދެއްވިއެވެ. ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ އެއްވަނަ ދުވަހު، މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ ބައިވެރިންނަށް ކާމިޔާބުލިބިވަޑައިގެންނެވިއެވެ.
އަދި ދިވެހިން ހިތުން ރުހުމުން އެމަނިކުފާނަށް ޤައުމުގެ ރަދުންގެ މަޤާމު އެރުވިއެވެ.
މުޙައްމަދު ތަކުރުފާނުގެ ވެރިކަމުގެ ދަށުގައި ވެރިކަން ހިނގަމުންދިޔައީ، އަމާންކަމާއެކު އެއްވެސް ނުޙައްޤުކަމެއް ނެތިއެވެ. ދިވެހިޤައުމު ބޭރުބައެއްގެ އަޅުވެތިކަމުން މިނިވަންކުރެއްވުމުގެ ޝަރަފު ދިވެހިއުއްމަތަށް ހޯއްދަވައިދެއްވުމާއެކު، ހަރުދަނާ އިސްލާމީ ދަޢުލަތެއް ފައްޓަވައި ދެއްވިއެވެ. ދީނީ ޢިލްމު އާންމު ކުރައްވާ، ދިވެހި ހަޟާރާތު އަލުން ފައްޓަވައި ދެއްވިއެވެ. ދިވެހި ޤައުމުގެ ދިފާޢީ ބާރު ވަރުގަދަ ކޮށްދެއްވިއެވެ.
މުޙައްމަދު ތަކުރުފާނު އަވަހާރަވީ ހިޖުރައިން 993 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހު އެވެ. އެއީ މީލާދީގޮތުން ބަލާއިރު، 18 އޯގަސްޓް 1585 ގައެވެ. މުޙައްމަދު ތަކުރުފާނު ފަސްދާނުވެޑުވިފައިވަނީ ގަލޮޅު ބިހުޒޯރު ކަމަނާ މިސްކިތުގެ ޙަރިއްމަތެރޭގައެވެ.
މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމަކުރައްވާ މިޤައުމަށް ނަސްރު ހޯއްދަވައި ދެއްވި ދުވަހަކީ ރަބީޢުލް އައްވަލް މަހުގެ އެއްވަނަ ދުވަހެވެ. އެހެންކަމުން 1946މ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީޢުލް އައްވަލްމަހުގެ އެއްވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަ ކުރަނީ ޤައުމީ ދުވަހުގެ ގޮތުގައެވެ.
އަލްޙަމްދުލިﷲ.. އަޅަމެންގެ މި ލޮބުވެތި ވަޠަން އިސްލާމް ދީނުގެ ހިދާޔަތުގައި މިނިވަން ކަންމަތީ އަބަދުމެ އަބަދަށް ލަހައްޓަވާށިއެވެ!
އާމީން!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް