ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވީ ގޯއްޗެއް ވިއްކާނީ ހަތަރު ލައްކަ ރުފިޔާއަށް ކަމަށެވެ. މި ގޯތިތައް ގަނެވޭނީ މާލޭ ރައްޔިތުންނާއި މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ހަވީރު 4:00 ން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ދޫކުރާނެ ކަމަށާއި މާދަމާއިން ފެށިގެން ފޯމު ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި ގޯތި ލިބޭ މީހުން ކަނޑައަޅާނީ ޝަރުތު ހަމަވާ އެންމެންގެ ހާޒިރުގައި ގުރުއަތު ނަގައިގެން ކަމަށެވެ.
ގޯއްޗަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ މާލޭ ރައްޔިތެއް ކަމުގައިވުން، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ބިމެއް ނުވަތަ ފްލެޓެއް ލިބިފައި ނެތުމާއި ތަރިކައިގެ ގޮތުގައި 600 އަކަފޫޓު ވަރުގެ ބިމެއް ލިބިފައި ނެތުމާއި ކައިވެންޏެއް ކޮށްގެން އުޅުމެވެ. މި މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުން އަންނަ ހަފްތާގައި ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބިމުގެ އަގަކީ 400 ރުފިޔާ އަށް އަކަފޫޓެއްގެ މަގުން 1،000 އަކަފޫޓު. އެހެންވީމާ 4،000ރ. އަށް މާލޭގެ ރައްޔިތުންނަށް، ދަފްތަރުގެ ޖެހިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް މި ފުރުސަތު ލިބިގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން އެއް ފަހަރާ ފައިސާ ދެއްކެން ނެތް ފަރާތްތަކުން ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބާކީބައި 10 އަހަރަށް ބަހާލައިގެން ދެއްކޭނެ އެވެ. ފައިސާ ދައްކަން ޖެހެނީ އެޗްޑީސީ އަށެވެ.
ގޯއްޗަށް އެދުމުގެ ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް