ޖަރުމަނު ލީގުގައި ބަޔާންއަށް ޖެހިޖެހިގެން 2 ބަލި. މެޗަކުން މޮޅުނުވެ 4 ވަނަ މެޗު

ބުންޑަސްލީގާ ގައި ބަޔާން މިޔުނިކް ރޭ ކުޅުނު މެޗުން ބްރޫޝިއާ މޮންޗެންގްލެޑްބެކް އަތުން 3-0 އިން ބަލިވެ، ލީގުގައި ޖެހިޖެހިގެން 2 ވަނަ ބައްޔާ ކުރިމަތިވެއްޖެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން އެ ޓީމު ބު...

07 Oct 2018 | 03:50

ބުންޑަސްލީގާ ގައި ބަޔާން މިޔުނިކް ރޭ ކުޅުނު މެޗުން ބްރޫޝިއާ މޮންޗެންގްލެޑްބެކް އަތުން 3-0 އިން ބަލިވެ، ލީގުގައި ޖެހިޖެހިގެން 2 ވަނަ ބައްޔާ ކުރިމަތިވެއްޖެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން އެ ޓީމު ބުންޑަސްލީގާގައި ކުޅުނު މެޗުން ހާތާ އަތުން ވެސް ވަނީ ބަލިވެފައެވެ.

އަނެއްކޮޅުން ރޭގެ ބައްޔާއެކު، ހުރިހާ މުބާރާތަކުން ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު 4 މެޗުން ވެސް މި ވަނީ މޮޅެއް ހޯދޭގޮތް ނުވެފައެވެ. ހާތާ މެޗުގެ ކުރިން އޯގްސްބާގާ އެއްވަރުވިއިރު، ރޭގެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން އަޔަކްސްއާ ވެސް ވީ 1-1 އިން އެއްވަރެވެ.

ރޭގެ މެޗު ފަށައިގެން ބަޔާންއަށް ރަނގަޅަށް ކުޅެ ނުގަނެވުނުއިރު، މެޗުގެ ފުރަތަމަ 16 މިނިޓް ކުޅެވުނުއިރު، އެ ޓީމު އޮތީ 2-0 އިން ފަހަތުގައެވެ. ގްލަޑްބެކްގެ ފުރަތަމަ ލަނޑު 10 ވަނަ މިނިޓުގައި ޖަހައިދިނީ ހޮފްމަން ދިން ބޯޅައަކުން ޕްލީއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ދެ ވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ ސްޓިންޑް އެވެ. މި ވެސް ހޮފްމަން ދިން ބޯޅައަކުން ޖެހި ލަނޑެކެވެ.

ބަޔާންއިން ނަތީޖާ ބަދަލުކޮށްލުމަށް، ލަނޑެއް ޖަހަން މަސައްކަތް ކުރިނަމަވެސް މުޅި މެޗުގައި ވެސް ބަޔާންއަށް އެކަށީގެންވާވަރަށް ގްލަޑްބެކްގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އަނެއްކޮޅުން ގްލަޑްބެކްގެ ކާމިޔާބީ އިތުރަށް ފުރިހަމަވެގެން ދިޔައީ ފަހު ވަގުތު ހާމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ބަޔާންއާއެކު 7 މޮޅުން ފެށި ނަމަވެސް، މިފަހުން ރަނގަޅު ނަތީޖާއެއް ނުލިބުމާއެކު، ބަޔާންގެ ކޯޗު ނިކޯ ކޮވަޗް އަށް މި ވަނީ ޕްރެޝަރ ބޮޑުވެފައެވެ. ލީގުގެ މިހާ ކުރީކޮޅު ތާވަލުގެ އެއް ވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމުންޑާ ބަޔާންއާ ދެމެދު 4 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް