ފަސް ޕަސެންޓު ހޯއްދެވި ރައީސް ފަދައިން ފަސްވަނަ ނައިބު ރައީސްވެސް ރެކޯޑަކާ ދިމާއަށް!

ހަނދާނަށް އަންނަނީ މީގެ 758 ދުވަސް ކުރިން ރާއްޖޭގެ އޭރުގެ ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކޮށް ފަސް ޕަސެންޓް ލިބި ބަލިވެވަޑައިގަ...

07 Oct 2015 | 14:43

ހަނދާނަށް އަންނަނީ މީގެ 758 ދުވަސް ކުރިން ރާއްޖޭގެ އޭރުގެ ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކޮށް ފަސް ޕަސެންޓް ލިބި ބަލިވެވަޑައިގަތުމާއެކުވެސް  އެ މަނިކުފާނަށް ހާސިލުވި ރެކޯޑެއްގެ މަތިންނެވެ. އެއީ ވެރިކަމުގައި ހުންނަވައިގެން ރިޔާސީ އިންތިހާބެއްގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ދަށް ނަތީޖާއެއް ލިބިވަޑައިގެންނެވި ކަމުގެ ރެކޯޑެވެ.

އެމަނިކުފާނުގެ ވިކިޕީޑިއާ ޕޭޖުގައި އޭރު އެކަން ފާހަގަވެސް ކޮށްފައި ވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިހާރު އެ ޕެރެގްރާފް ވަނީ ފޮހެލާފަ އެވެ.

އެއީ މާޒީ އެވެ. މިހާރު ރާއްޖޭގައި ދިމާވެގެން މިއުޅޭ ކަމަކީ ރާއްޖޭގެ ވަލިއްޔުލް އަމުރު އަވަހާރަކޮށްލަން ބަޔަކު ރާވައިގެން ހަމަލާއެއް ދިނުމެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު މާލެވަޑައިގަތުމަށް ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އިންނަވަނިކޮށް ލޯންޗުކޮޅުގައި އެއްޗެއް ގޮވީ އެވެ. އެއީ ގަސްތުގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްކަމަށް ސަރުކާރުން މިހާރު މިވަނީ ބުނެފަ އެވެ.

ސަރުކާރުން މި ކަމުގައި ތުހުމަތުގެ އިނގިލި އެއްވެސް ފަރާތަކަށް އަދި ދިއް ނުކުރިނަމަވެސް 22 ޖުލައި 2015 ވަނަ ދުވަހު ރާއްޖޭގެ ފަސްވަނަ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވި އަދި މިހާރުވެސް އެ މަގާމުގައި ހުންނެވި އަދި މިހާރު ދުނިޔޭގައި ހުންނެވި އެންމެ ހަގު ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރަށް ގިނަ ބަޔަކު މިވަނީ ތުހުމަތުގެ އިނގިލި ދިއްކުރަން ފަށާފަ އެވެ. ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އެމަނިކުފާނު ވިދާޅުވީ "ރާއްޖޭގައި ކޮންމެ ކަމެއް ހިނގިޔަސް އެކަމެއް އަޅުވާނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި" ކަމަށެވެ.

ދެން އޮތީ މިހާރު އެންމެ ބާރަށް ދެކެވޭ އަނެއް ވާހަކަ އެވެ. ފަލަ ސުރުހީތަކުން އަދި ޖާގަ ނުހޯދި ނަމަވެސް ސޯޝަލް މީޑިއާގައްޔާއި ތުންތުންމަތިން މިވާހަކައެއް ދެކެވޭތާ ދެތިންދުވަސް ވެއްޖެ އެވެ. އެއީ ނައިބުރައީސް އަހުމަދު އަދީބު ހައްޔަރުކުރަން އުޅޭ ވާހަކަ އެވެ. މަގާމުން ވަކި ކުރަން އުޅޭ ވާހަކަ އެވެ.

މިކަން މިގޮތަށް ހިނގައިފިނަމަ ނައިބު ރައީސް އަހުމަދު އަދީބުއަށް އިތުރު ރެކޯޑެއް ގާއިމް ކުރެވުނީ އެވެ. އެއީ ގައުމެއްގެ ނައިބު ރައީސްކަން އެންމެ ކުރު މުއްދަތެއްގައި ކުރުމުގެ ރެކޯޑެވެ. ރާއްޖޭގެ ނައިބު ރައީސްކަމުގެ ހުވާ އަހުމަދު އަދީބު ކުރެއްވިތާ މިއަދަށް މިވީ 77 ދުވަހެވެ.

މި ރެކޯޑަކީ ދުނިޔޭގެ ރެކޯޑަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް މައުލޫމާތު ކުށް ނޫންނަމަ މި ރެކޯޑަކީ އޭސިޔާ ބައްރުގެ ރެކޯޑަކަށް ވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް