މިރޭ ބާއްވާ ޕީއެންސީގެ ސިޔާސީ ހަރަކާތުގައިވެސް މެޑަމް ފާތުން ބައިވެރިވާނެ

މިރޭ ބާއްވާ ޕީއެންސީގެ ސިޔާސީ ހަރަކާތުގައިވެސް ކުރީތރެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. މިރޭ ކުރިއަށ...

07 Sep 2023 | 11:31

މިރޭ ބާއްވާ ޕީއެންސީގެ ސިޔާސީ ހަރަކާތުގައިވެސް ކުރީތރެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާ، އަންހެނުންގެ ހާއްސަ އިވެންޓެކެވެ.

މި ހަރަކާތް ކުރިއަށް ދާނީ މިރޭ 8:15 ގައި އާޓިފިޝަލް ބީޗުގައެވެ.

ރިޔާސީ ހަރަކާތަކަށް ނުކުމެވަޑައިނުގެން ގިނަ ދުވަސްތަކަކު ހުންނެވުމަށްފަހު، މިދިޔަ ހޯމަ ދުވަހުގެރޭ މެޑަމް ފާތުން ވަނީ މުއިއްޒުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

އެރޭ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު (ސެމްބެ)ގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މުއިއްޒުގެ ކެމްޕޭނަށް ނުކުމެވަޑައިގެންނެވިއެވެ.

މުއިއްޒުގެ ކެމްޕޭނަށް މެޑަމް ފާތުން ނުކުމެވަޑައިގެންފައި މިވަނީ، އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި ޔާމީން ބައްދަލު ކުރެއްވި ކަމަށް އަޑު ފެތުރިފައިވާ ވަގުތެއްގައެވެ. ނަމަވެސް އެކަން ދޮގުކޮށް ޕީޕީއެމް/ޕީއެންސީއިން ވަނީ ބަޔާނެއް ނެރިފައެވެ.

އެ ބަޔާނުގައި އިދިކޮޅުން ބުނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނުއާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް ބައްދަލު ކުރި ކަމަށް ފެތުރު ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ރައީސް ޔާމީނު ވިދާޅުވެފައި ވާތީ، މުއިއްޒަށް ވޯޓު ދެއްވުމަށް ޔާމީނު އެދިވަޑައިގެންފައި ވާނީ އެކަން ހަޖަމު ނުވެގެން ދައްކާ ދޮގު ވާހަކައެއް ކަމަށް އިދިކޮޅުން ބުންޏެވެ.

އަދި އެ ކޯލިޝަނުން ބުނީ އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަން މެމްބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

“އަދި މި ހަބަރު ފެތުރުމުގެ އަޑީގައި އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތް” އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން އެ ޕާޓީގެ ސަޕޯޓަރުންގެ ކިބައިން އެދިފައި ވަނީ މިފަދަ ދޮގު ވާހަކަތަކުގައި ނުޖެހުމަށާއި ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެނޑިޑޭޓް ޑރ. މުއިއްޒާއެކު ސާބިތުވެ ތިބުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް