އެމްއެމްޕީއާރްސީގެ މައްސަލަ: ޒިޔަތު އިތުރު 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ހ. އާހަމަ, ޢަބްދުالله ޒިޔާތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފިއެވެ. ޕް...

07 Sep 2023 | 09:54

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ހ. އާހަމަ, ޢަބްދުالله ޒިޔާތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި  ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ އެކި ކުންފުނިތަކުން އެމްއެމްޕީއާރސީއަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައާއި، ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީ އިން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި, ޒިޔާތުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

1. ޚިޔާނާތްތެރިވުން

ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން

ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ހޯދައިދުނުމުގެ ނަމުގައި އެ ކުންފުނިން އެކި ފަހަރުމަތިން ދިވެހި ރުފިޔާ ހޯދައި، އެފައިސާތަކުގެ ތެރެއިން 203,784,546.30 (ދުއިސައްތަ ތިން މިލިއަން ހަތްސަތޭކަ އައްޑިހަ ހަތަރު ހާސް ފަސްސަތޭކެ ސާޅީސް ހަ ރުފިޔާ ތިރީސް ލާރި) އެކި ކުންފުނިތަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.

އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް

ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް

2. ޚިޔާނާތްތެރިވުން

ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން.

ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައްކެއް އަމިއްލަ އެކި ކުންފުނިތަކަށް ލޯނުގެ ނަމުގައި ދޫކޮށް، އެ ކުންފުނީގެ USD 6,850,000 (ހަ މިލިއަން އަށް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީ.

އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް

ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް

3. ޚިޔާނާތްތެރިވުން

ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން.

ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޮމްޕެނީ (އެމްޓީޑީސީ) އިން އެމްއެމްޕީއާރސީއަށް ލޯނުގެ ގޮތުގައި USD 1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ހޯދައި، އެ ފައިސާތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.

އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް

ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް

މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޒިޔާތާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނެ ކަމަށް ޕީޖީން ބުންޏެވެ. އެ އެއްބަސްވުމުގެ ދަށުން  ޒިޔާތުގެ މައްޗަށް ކަނޑައަޅާ އަދަބު, އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 4 ދަރަޖަ މަތިކުރުމަށާއި, ޒިޔާތު ކުށަށް އިޢުތިރާފު ވެފައިވާތީއާއި, މައްސަލައިގެ ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާތީ, އަދަބު ކަނޑައަޅުމުގެ މިންގަނޑުން 3 ދަރަޖަ ދަށްކުރުމަށް އެއްބަސްވެފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.

އަދި އެމްއެމްޕީއާރސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް އަނބުރާ ނެގުމަށް، ހިންގޭ އިދާރީ ނުވަތަ މަދަނީ އެންމެހައި އިންތިޒާމުތަކާއި، ތަޙުޤީޤުތަކާކުގައި އެއްބާރުލުން ދިނުމަށާއި، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް އަނބުރާ ޙަވާލުކުރުމަށް މި އެއްބަސްވުމުގެ ދަށުން ޒިޔާތު ވަނީ އެއްބަސްވެފައެވެ.

މި ތިން ދަޢުވާއަށް އެކު ޖުމްލަ 12 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުމަށް ޒިޔާތާއި ދައުލަތާމެދު ވަނީ އެއްބަސްވެފައެވެ.

މި މައްސަލައާ ގުޅިގެން މިއަދު ބޭއްވުނު އަޑުއެހުމުގައި  ޒިޔާތުގެ މައްޗަށްކުރި ޚިޔާނާތްތެރިވުމުގެ ކުށުގެ 3 ދަޢުވާއަށްވެސް އިޢުތިރާފުވެފައިވާތީ, އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ އެއްބަސްވުމުގައިވާގޮތަށް އަދަބު ކަނޑައަޅައި ޙުކުމް ކުރީަ ކަމަށް ޕީޖީން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް