ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައް ސޯލިހުގެ ރުޅިވެރިކަމުގެ ސިފަ ނުފެންނަނީ ކެތްތެރިކަން އިސްކުރައްވާތީ ކަމަށާއި މީހުންނާ ދިމާކޮށް އެއްޗެހި ކިޔުއްވުމަކީ ރައީސްގެ މިޒާޖެއް ނޫން ކަމަށް ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ 'ފަށާއިރެ' ޕްރޮގްރާމުގައި ފަޒްނާއާ ކުރެއްވި ސުވާލެއްގައި ޕްރެޒެންޓަރ ފާހަގަ ކޮށްފައި ވަނީ، ރައީސް ސޯލިހުގެ ރުޅިވެރިކަމުގެ ސިފަ ނުފެންނަ މީހުން ވަރަށް ގިނަ ކަމަށެވެ. އަދި ރައީސްއަކީ އަމިއްލަ ދިރިއުޅުމުގައިވެސް އެ ސިފަ ކުޑަ ބޭފުޅެއްތޯ ފަޒްނާއާ ސުވާލު ކުރައްވައެވެ. އަދި މީހުންނާ ދިމާއަށް ރައީސް އެއްޗެހި ވިދާޅުވާތީ އަޑު ނީވޭ ކަމަށް ޕްރެޒެންޓަރ ފާހަގަ ކުރިއެވެ.
ޖަވާބުގައި ފަޒްނާ ވިދާޅުވީ، ކޮންމެ ދަނޑިވަޅެއްގައިވެސް ރައީސް އިސްކުރައްވާނީ ކެތްތެރިކަން ކަމަށާއި، ރައީސްގެ ރުޅިވެރިކަމުގެ ސިފަ ނުފެންނަނީ އެ ސަބަބާހުރެ ކަމަށެވެ.
އިބޫ އަކީވެސް ހަމަ އިންސާނެއް ދެއްތޯ. އެހެންވީމަ ހުރިހާ އިހުސާސެއް ވެސް ހުންނާނެ. ކޯފާވެސް ވާނެ، ދެރަވެސް ވާނެ، ހިނިވެސް އަންނާނެ. އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ އެ ހުރިހާ ކަމަކާ އިބޫއާ އެ ދިމާވާ އިމްތިހާނު ތަކުގަ އިބޫ އިސްކުރައްވަނީ ކެތްތެރިކަން. އެހެންވީމާ މީހުންނަށް އެ ސިފަތައް އެވަރަށް ނުފެންނަނީ" ފަޒްނާ ވިދާޅުވިއެވެ.
ނަމަވެސް އަނބިކަނބަލުންނަށް ވުމުން ރައީސްގެ ރުޅިވެރިކަމުގެ ސިފަވެސް ފެނިވަޑައިގެންފައިވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ، މީހުންނާ ދިމާއަށް އެއްޗެހި ކިއުމަކީ ރައީސްގެ ނުހުންނަ ސިފައެއް ކަމަށެވެ. އަދި މީހުންގެ ވާހަކަ ދެއްކުމުން ރައީސްގެ ބޮލަށް އުނދަގޫވާނެ ކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.
ރައީސް ސޯލިހާއި މެޑަމް ފަޒްނާގެ މިޒާޖުގައި ވަރަށް ތަފާތުތައް ގިނަކަން ފާހަގަ ކުތައްވައި ފަޒްނާ ވިދާޅުވީ، އެކަމަނާ ސިޔާސީ ހަރަކާތްތަކަށް އެހާ ޝައުގުވެރިކަން ނުހުންނަވާ ކަމަށެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން، ވީ ވަރަކުން އެކި މީހުން އެދޭ ކަންތައްތައް ކޮށްދެއްވާފައި ވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
އެގޮތުން ބައްދަލު ކުރަން އަންނަ މީހުންނާވެސް ބައްދަލު ކުރައްވާފައި ވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި އެ ވާހަކަތައް ރައީސް ސޯލިހާ ހަމަޔަށް ގެންގޮސްދެއްވި ނަމަވެސް، އެއިން ކަމެއްގައި އަމަލީ ގޮތުން ހަރަކާތްތެރި ނުވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް