ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް(އައިއޯއައިޖީ) 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިޔުމަށް ބީއެމްއެލް އިން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
"އައިއޯއައިޖީ ގައި ހޯދި ފަހުރުވެރި ކާމިޔާބަށް ތިޔަ ހުރިހާ އެތުލީޓުންނަށް ވެސް މަރުހަބާ ކިޔަން. މިއީ ތިޔަ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި އެ ކުންފުނިން 'ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް' ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދިޔަ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުންގެ ތެރެއިން 6 އެތުލީޓަކު ވަނީ އައިއޯއައިޖީ ގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައެވެ.
ސްކޮލަރޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:
- މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް) ، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)
- ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)
- މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 100×4 ރިލޭ (ލޯ މެޑަލް)
- ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް