އދ. ދަނގެތީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ހދ. ނޮޅިވަރަންފަރު ނެރުފުން ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
ދަނގެތީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. އަދި ލަފާފުރުމުގެ ދަތިތައްވެސް ހައްލުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 3 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 21,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 48,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 33,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ އިތުރަށް، 7800 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި،އަދި 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ހަމައެފަދައިން، 389 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ އާރް.ސީ ބްރިޖެއް ހެދުމާއި، 3052 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މީގެ އިތުރަށް، ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ދޯނިފަހަރަށް އެއްވެސް ދަތިކަމަކާ ނުލާ ވަދެ ހެދޭނެ ކަމަށް އެމްޓީސީސީ އިން ފާހަގަކުރައްވައެވެ.
މި މަޝްރޫޢުގެ ދަށުން، 22,050 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުން ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކޮށްފއިވެއެވެ.
ދަނގެތީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 76.85 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއަކަށް ވާއިރު، ނޮޅިވަރަންފަރު ނެރުފުން ކުރުމުގެ މަޝްރޫޢަކީ 5.78 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް