ތޯމަސް ޓުޗެލް ޗެލްސީ ކޯޗުގެ މަޤާމުން ވަކިކޮށްފި

ޗެލްސީގެ ހެޑް ކޯޗުކަމުގެ މަޤާމުގައި ހުރި ތޯމަސް ޓުޗެލް އެ މަޤާމުން ވަކިކޮށްފިއެވެ. ޓުޗެލް މަޤާމުން ވަކިކުރުމަށް ފަހު ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްލަބުގައި ޓުޗެލް ހޭދަކުރި މަދު މުއްދަތުގައ...

07 Sep 2022 | 10:43

ޗެލްސީގެ ހެޑް ކޯޗުކަމުގެ މަޤާމުގައި ހުރި ތޯމަސް ޓުޗެލް އެ މަޤާމުން ވަކިކޮށްފިއެވެ.

ޓުޗެލް މަޤާމުން ވަކިކުރުމަށް ފަހު ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްލަބުގައި ޓުޗެލް ހޭދަކުރި މަދު މުއްދަތުގައި ކުލަބަށް ހޯދައިދިން ކާމިޔަަބީއާއި ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ޓުޗެލް ޗެލްސީއަށް ހޯދައިދިން ކާމިޔާބީތަޢް ކުލަބުގެ ކާމިޔާބީތަކުގެ ރަން ތާރީހުގައި ލިޔެވިގެން ދާނޭ ކަމަށްވެސް ކުލަބުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އާ އޯނަރޝިޕް ކްލަބާ ހަވާލުވެ އެންމެ އިސްކަމެއް ދީގެން ކުރަމުންއަންނަ މަސައްކަތަކީ ކުލަބުގެ އެންމެހާ ކަންކަން ކުރިއަރުވާ ކާމިޔާބީތަކާއި ހަމައަށް ވާސިލު ކުރުމަށް ކަމަށް ވީ ނަމަވެސް އުންމީދު ކުރާވަރުގެ ކުރިއެރުންތަކެއް ކުލަބަށް ލިބެމުން ނުދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ނިމިގެން ދިޔަ ސީޒަން ނިމި އައު ސީޒަނާއި ކުރިމަތިލި އިރުވެސް އުންމީދީ އެއްވެސް ކުރިއެރުމެއް ކުލަބަށް ލިބެމުން ނުދާތީ މިވަގުތު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެންމެ އެކަށޭނަ ގޮތަކީ ޗެލްސީގެ ކޯޗުގެ މަޤާމުގައި މިވަގުތު ހުރި ތޯމަސް ޓުޗެލް އެ މަޤާމުން ވަކިކުރުން ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ޓުޗެލް މަޤާމުން ވަކިކޮށް ޗެލްސީގެ ހެޑް ކޯޗުގެ މަޤާމަށް މީހަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަކަމަށާއި އަދި ވަރަށް އަވަހަށް ހެޑް ކޯޗެއްގެ ކަންތައް ހަމަޖެހިގެން ދާނެ ކަމަށް ވެސް ޗެލްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ދާއިމީ ކޯޗެއް ލިބެންދެން ވަގުތީ ގޮތުން ޗެލްސީއާއި ހަވާލުވާނީ ކުލަބުގެ ކޯޗިން ސްޓާފުންގެ ޓީމުން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޗެލްސީގެ ކޯޗުކަމުގެ މަޤާމުން ޓުޗެލް ވަކިކުރިއިރު، މި ސީޒަނުގައި މިހާތަނަށް ޗެލްސީން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އޭގެތެރޭގައި ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން ބަލިވި މެޗުވެސް ހިމެނެއެވެ.

ޓުޗެލް ޗެލްސީގެ ކޯޗުކަމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ޓުޗެލް ޗެލްސީގެ ކޯޗުކަމާއި ހަވާލުވި ފުރަތަމަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަކަޕް އަދި ކުލަބު ވޯލްޑްކަޕް ވަނީ ޗެލްސީއާއި އެކު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް