ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އެއް ސްކޫލަކަށް ދެ ޕްރިންސިޕަލުން އައްޔަންކޮށްފިއެވެ.
ދެ ޕްރިންސިޕަލުން އައްޔަންކޮށްފައިމިވަނީ ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލަށެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އެ ސްކޫލުގައި މިހާރުވެސް ޕްރިންސިޕަކު ހުއްޓާ ކުރިން އެ ސްކޫލުގެ ޕްރިންސިޕަލްކަން އަދާކުރި މުހައްމަދު ފަޔާޒް އެ ސްކޫލުގެ ޕްރިންސިޕަލްކަމަށް ހަމަޖައްސަން ސިވިލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ތަންފީޒުކޮށްފައެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެ ސްކޫލަށް ރިޕޯޓު ކުރުމަށް ފަޔާޒަށް އަންގާފައެވެ. އެ އެންގުމާއި އެއްގޮތަށް ފަޔާޒު ވަނީ އެ ސްކޫލަށް ރިޕޯޓްކޮށް މަސައްކަތް ފަށާފައެވެ.
މިކަމުގެ ތާރީހަށް ބަލާލާއިރު 2019 ވަނަ އަހަރުގެ ފަހުކޮޅު އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ސްކޫލަށް ކުރި ޒިޔާރަތެއްގައި ބެލެނިވެން ކުރި ޝަކުވާއަކަށް ބިނާކޮށް އޭރު ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ފަޔާޒު އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާ އެ ނިންމުން ތަންފީޒު ކުރިއެވެ. އަދި އެއަށްފަހު އއ ފެރިދޫ ސްކޫލަށް ފަޔާޒު ބަދަލުކުރިއެވެ.
އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ފަޔާޒް ބަދަލުކުރި ހިސާބުން ވަޒީފާއާއި ބެހޭ ޓްރިބިއުނަލަށް ފަޔާޒު އޮތީ މައްސަލަ ހުށަހަޅާފައެވެ.
އެ މައްސަލަ ބެލުމަށްފަހު 27 ޑިސެމްބަރު 2021 ގައި ޓްރިބިއުނަލުން ނިންމާފައިވަނީ ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުއްޓާ ގެނައި ބަދަލުތައް ބާތިލު ކަމަށާއި 27 ޑިސެމްބަރު 2021 އިން ފެށިގެން 30 ދުވަސް ތެރޭގައި ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލް ކަމަށް ފަޔާޒް ކަނޑައަޅައި އެކަން ރަސްމީ ބަންދު ނޫން ތިން ދުވަސްތެރޭގައި ވަޒީފާއާއި ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމަށެވެ. ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން އެ ނިންމުމަށް އަމަލުކޮށްފައެއް ނުވެއެވެ.
އެ ނިންމުމަށް އަމަލު ނުކުރުމުން ފަޔާޒް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލައިގާ ސިވިލް ކޯޓުނ 17 މެއި 2022 ގައި ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ވަޒީއާއި ބެހޭ ޓްރިބިއުނަލްގެ ނިންމުމުގައި ކަނޑައަޅާފައިވާ ފަދައިން ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް މުހައްމަދު ފަޔާޒް ބަދަލުކޮށްފައިނުވާތީ ވަޒީފާއާބެހޭ ޓްރިބިއުނަލްގެ އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން 17 މެއި 2022 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް މުހައްމަދު ފަޔާޒް ބަދަލުކޮށް 29 މެއި 2022ގެ 12:00 ގެ ކުރިން ސިވިލް ކޯޓަށް އެންގުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އެއަށްފަހުވެސް އެތައް ސިޓީބިޓީއެއް ދެ ފަރާތް ދެމެދުގައި ބަދަލުވެ އެންމެފަހުން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ފަޔާޒަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ ސްކޫލަށް ރިޕޯޓް ކުރެއްވުމަށާއި، އެ ސްކޫލު ހިންގެވުމާއި ހަވާލުވެހުންނެވި އިމްތިހާޒް އަހްމަދުގެ އިރުޝާދާ އެއްގޮތަށް ހަވާލުކުރެވޭ މަސައްކަތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށެވެ.
ސިޓީގައި އެހެން އޮތް ނަމަވެސް އެ ސްކޫލުގައި މިހާރުވެސް ޕްރިންސިޕަލަކު ހުއްޓާ ކުރިން ޕްރިންސިޕަލްގެ މަގާމުގައި ހުރި ފަޔާޒް އަލުން އަނބުރާ ގެންދިޔަ ގެންދިއުން އެއީ ޓްރިބިއުނަލުން ނިންމި ނިންމުމަށް އަދި ސިވިލް ކޯޓުގެ އަމުރަށް ބަލާނަމަ ފަޔާޒް ކުރިން ހުރި މަގާމު އަނބުރާ ދިނުމެވެ. އެހެންކަމުން މިހާރު އެ ސްކޫލުގައި މުސާރަ ހިނގާ ދެ ޕްރިންސިޕަލުން މިވަގުތު ތިބޭނެއެވެ.
އެހެންނަމަވެސް އަނބުރާ ދިނުމުގެ ގޮތުން ފަޔާޒް އެ ސްކޫލަށް ރިޕޯޓްކުރަން އެންގި ނަމަވެސް ޓްރިބިއުނަލުން އެންގި އެންގުމުގައިވާގޮތަށް އަނބުރާ މަގާމު ދިނުން ކަމުގައި ނުބެލެވޭނެއެވެ. އެއީ އެއް ސްކޫލެއްގައި ދެ ޕްރިންސިޕަލުން ތިބުމަކީ އާންމު އުސޫލަށް ނުވާތީއާއި ފަޔާޒަށް ފޮނުވި ސިޓީގައި މިހާރު ހުރި ޕްރިންސިޕަލަށް ރިޕޯޓްކުރަން އޮތް އޮތުމުން ފަޔާޒްގެ މަގާމު އެންމެ ހައްގު ގޮތުގައި ރުޖޫއަ ކުރި ކަމުގައިވެސް ނުބެލެވޭނެއެވެ.
މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެ ރަށަށް ނިސްބަތްވާ ފަރާތްތަކުން މިހާރު ފާޑުވެސް ކިޔަމުން އަންނައިރު މިކަމާއި ގުޅޭގޮތުން މިކަމުގައި އެޑިއުކޭޝަންގެ ކޮމެންޓެއް ހޯދާލުމަށް ގުޅާލުމުން އެ މިނިސްޓްރީން ވިދާޅުވީ ކޮމެންޓެއް ދެވޭނީ ސިވިލް ސާވިސް ކޮމިޝަނަށް ކަމަށެވެ.
މިކަމުގައި ސިވިލް ސާވިސް ކޮމިޝަންގެ ބަހެއް ހޯދާލަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް