އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ބައިނަލްއަގްވާމީ ރިސަރޗް ކޮންފަރެންސް މި މަހު ބާއްވަން ނިންމައިފިއެވެ.
އެ ޔުނިވަރސިޓީން ބުނީ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 17 އާއި 18 ގައި ކަމަށެވެ.
2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ކޮންފަރެންސް ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ.
އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މި ކޮންފަރެންސްގެ މި އަހަރުގެ ކޮންފަރެންސްގައި ކީނޯޓް ތަގުރީރު ދެއްވާ ބޭފުޅުންގެ ތެރެގައި މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއަރމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ޔަމަނުގެ ސަނާގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރ ޑރ. ދާވޫދު އަބްދުލްމަލިކް އާއި ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އިސްލާމިކް ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ވެސް ކީނޯޓު ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސްގައި ރިސަރޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.
ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަން:
- ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް
- ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް
- މީޑިއާ އާއި މާސް ކޮމިއުނިކޭޝަން
- ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް
- ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް
- އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ
ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯ:
- އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނު
- ގުރުއާނިކް ސްޓަޑީސް
- ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް
- ރަސޫލާގެ ލީޑާޝިޕް
ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީ:
- ހަލާލް ޓޫރިޒަމް
- މޫސުމީ ބަދަލުތައް
- ދެމެހެއްޓެނިވި ތަރައްގީ
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން:
- އިސްލާމިކް ފައިނޭންސް
- ހިއުމަންސް ރިސޯސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ކެޕިޓަލް މާކެޓް
- މާކެޓިން
- ބްރޭންޑިން
މީގެ އިތުރުން ކޮވިޑާ ގުޅޭ ގޮތުން އެކި ދާއިރާތަކުން ކަރުދާސްތައް ވެސް ހުށަހަޅާނެއެވެ.
ބައިވެރިންގެ އަދަދާއި ހުށަހެޅޭ ޕޭޕަރުގެ އަދަދާއި ދާއިރާތަކަށް ބަލާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސަރޗް ކޮންފަރެންސަށް ވާނެ ކަމަށް އައިޔޫއެމް މައުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް