ރާއްޖެއަކީ ޒަމާނުއްސުރެ ބަރާބަރަށް ދަރަނި އަދާކުރާ ޤައުމެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާއި ސުވާލުކުރެއްވުމަށް އޮންނަ ފުރުސަތުގެ ތެރޭގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ދަރަނި ދެއްކުމުގައި ލުއި ހޯދުމަށް އެއްވެސް ޤައުމަކާއެކު މަޝްވަރާ ކުރެވެމުންދޭތޯ ސުވާލު ކުރެއްވުމުން މިނިސްޓަރ އަމީރު ވިދާޅުވީި ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ބަރާބަރަށް ދަރަނި އަދާކުރާ ޤައުމެއް ކަމަށާއި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ބަރާބަރަށް ޑެޓް ސަރވިސް ކުރާ ޤައުމެއް ކަމަށެވެ.
"އެއްވެސް އިރެއްގައި އަޅުގަނޑުމެން ޑިފޯލްޓް ވެފަކާއި އެއް ނެތް. އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ޑިފޯލްޓް ވާނެ ހާލަތެއް އަންނާނެ ކަމަށް ލަފައެއް ނުކުރެވޭ. އެހެންވީމަ ދަރަންޏަށް ލުއިގޮތްތަކެއް ހޯދުމަށް، އެކި އެކި ފަރާތްތަކާއި ވާހަކަ ދައްކަން، އެ ވިސްނުމެއް އަޅުގަނޑުމެން ނުގެންގުޅެން." މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް ނިންމީ، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް މަތިވުމުން ކުރިމަތިވާ މައްސަލަތައް ކުޑަ ކުރުމަށް ކަމަށާއި ފިއުލް ސަބްސިޑީގެ ގޮތުގައި 343 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވީނަމަވެސް މިހާރުވެސް ގާތްގަނޑަކަށް 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެކަމަށް ޚަރަދު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އެހެން ކަމުން ޚަރަދު ކުޑަ ކުރަން ޖެހިފައިވާކަން ފާހަގަކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ދަރަނި ދެއްކުމާއި މުސާރަ ދިނުން ފަދަ ކަންކަމަކީ އިސްކަމެއް ދެވިގެން ކުރެވެމުންދާ ކަންކަމަށް ވުމުން މިފަދަ ކަންކަމުގައި އެއްވެސް ދައްޗެއް މިހާތަނަށް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް