ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށްދިން މައްސަލައިގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ މިގާރުކުރިއަށްދާއިރު، މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހާޒިރުކުރުމުން ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ 2015 ވަނަ އަހަރުގެ ތެރެއިން ދުވަހެއްގައި ޔާމީން އަންގަވައިގެން އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެއްސަށް ދިޔަ ކަމަށެވެ.
"އެ ދުވަހު ޑޮލަރު ބައްލަވައިގަތް ކަމުގެ ލިޔުމެއްގައި ސޮއިކުރައްވާފައި ޔާމީން ދެއްވި. އޭގައި ޑޮލަރެއް 15.42 ރުފިޔާގެ ރޭޓުން ޔޫސުފް ނައީމަށް 15 މިލިއަން ހަތަރު ލައްކަ ރުފިޔާ ހަވާލުކުރަން އެ ލިޔުމުގައި އޮތް." ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ އެއަށް ފަހު ކަޅު ދެ ދަބަހެއްގައި އެ އަދަދަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމަށް ގެންގޮސްދީފައިވާ ކަމަށާއި ޔޫސުފް ނައީމް ދިރިއުޅޭ ގެއަށް ކާރެއްގައި ވަޑައިގެން، އެ ފައިސާ ދީފައިވާނެ ކަމަށެވެ. އަދި އެ ފައިސާހުރީ ދެ ދަބަހެއްގައި ކަމަށެވެ.
އެ ފައިސާ ޙަވާލުކުރީ ޔޫސުފް ނައީމްގެ ގެއަށް ގޮސް ކަމަށާއި ފައިސާ ޙަވާލު ކުރުމަށްފަހު އޭނާގެ ކުރިމަތީގައި އެ ފައިސާ ޔޫސުފް ނައީމް ގުނި ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ. އަދި އެއަށްފަހު ސްލިޕްގައި ސޮއިކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.
15 މިލިއަން ރުފިޔާ ގުނަން ހޭދަވި ވަގުތާއި، ކާރު ނަންބަރު ފަދަ ކަންކަން މިހާރު ހަނދާނުގައި ނެތް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް