ރާއްޖޭގެ އަތޮޅު ތެރޭގައި ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާ ގެސްޓް ހައުސް ވިޔަފާރީގެ ނަން ބަދަލު ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ އަބަދަށް ދެމިގެންދާނެ ގޮތަކަށް ރާއްޖޭގައި ބެހެއްޓުމަށް ޓަކައި ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. މި ގަރާރު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
ބަހުސް ކުރައްވަމުން އަލީ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށް ގެންދިއުމަށް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އަދި އެބަހުރި ކަަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ބްރޭންޑެއް އުފެއްދުމާއި ދާއިރާގައި ބޭނުން ކުރާ ތަކެއްޗަކީ ރާއްޖޭގެ އުފެއްދުންތަކަށް ހަދަން ކުރެވޭ މަސައްކަތެއް ހޯދުމުގެ އިތުރުން ގެސްޓް ހައުސް ވިޔަފާރިއަށް ކިޔާ ނަން ބަދަލު ކުރުމެވެ.
އަލީ ވިދާޅުވީ ގެސްޓް ހައުސް ކިޔުމުގެ ބަދަލުގައި އައިލެންޑް ހޮޓެލް ޓޫރިޒަމްގެ ނަމަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ގެސްޓު ހައުސްތަކަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ އިންޑިއާއިން ކަމަށެވެ.
އިންޑިއާގައި ގެސްޓް ހައުސް މާނަ ކުރަނީ ވަރަށް ކަޓު ތަންތަނުގެ ގޮތުގައި ކަމަށާއި އެހެންވެ އެމީހުން ރާއްޖޭގެ ގެސްޓު ހައުސްތައް ސިފަ ވަނީ އެ ކަޓުކަން މަތީގައި ކަމަށެވެ. އަލީ ވިދާޅުވީ ރާއްޖޭގެ ގެސްޓު ހައުސްތަކަކީ އެއަށް ފެންވަރު މަތިކޮށް ހާއްސަ ގޮތްގޮތަށް ފަރުމާ ކޮށްފައި ހުންނަ ތަންތަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް