އަންނަ އަހަރު ގަތަރުގައި ވޭއްވުމަށް ހަަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅެވޭ ޔޫރަޕިއަން ކޮލިފައިންގައި މިރޭ އަޒަރަބައިޖާންއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ޕޯޗުގަލްއިން ކާމިޔާބު ކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗު ޕޯޗުގަލުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.
މެޗުގެ ކުޅުން ފެށިގެން މޮޅަށް ކުޅެމުންގެންދިޔައީ ޕޯޗުގަލްއިންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ލަނޑުޖަހާ ޕޯޗުގަލްއިން މެޗުގެ ލީޑުނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއި އެކު ބަނާޑޯ ސިލްވާއެވެ. މި ލަނޑަށް ފަހުވެސް ޕޯޗުގަލްއިން މޮޅަށް ކުޅެމުން ދިޔައިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 31 ވަނަ މިނެޓުގައި އެންޑްރޫ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު ޕޯޗުގަލް ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޑިއެގޯ ޖޮޓާއެވެ.
މިރޭ ހޯދި މި މޮޅާއި އެކު ޕޯޗުގަލް މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 13 ޕޮއިންޓާއި އެކު އެޓީމު ހިމެނޭ ގުރޫޕު އޭގެ އެެއްވަނާގައެވެ. މި ގުރޫޕުގެ ދެވަނަގާގައި ޕޯޗުގަލްއަށް ވުރެ އެއް މެޗު މަދުން ކުޅެގެން 10 ޕޮއިންޓާއި އެކު އޮތީ ސާބިއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް