އއ. ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި މިކުންފުނިން އަބަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މިވަގުތު ރަސްދޫގައި ޚިދުމަތް ދެމުންގެންދަނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކުގައި ކަމަށާއި އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމަށެވެ.
" އެއާއެކު، މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސީޓީއެއް ބިލްޑް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް. މި އިންޖީނުގެ އިމާރާތް ކުރެވެމުންދަނީ ޚިދުމަތައް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައި." ސްޓެލްކޯ އިން ބުންޏެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ރަސްދޫގައި އަލަށް އިމާރާތް ކުރަމުންގެންދާ އިންޖީނުގެއަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނެއް ކަމަށާއި މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށެވެ.
އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށާއި އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނީގެ އުއްމީދަކީ އައު އަހަރާއެކު އިފްތިތާހު ކުރެވިގެންދާނެ މި އައު އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ހިދުމަތެއް މިކުންފުނިން ރަސްދޫގައި ދެވިގެންދިއުން ކަމަށް ވެސް ބުންޏެވެ.
ސްޓެލްކޯ އިން ރަސްދޫގައި ޒަމާނީ އިންޖީނުގޭގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް