އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބަންދަލުވުމުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، އިހުތިޖާޖު ކުރަން ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގި މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރަކު އެ ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ އާންމުވި އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން ރައީސް ޔާމީން ވެސް ހިމެނޭ ގޮތުން އެތައް ހާސް ރައްޔިތުންނަށް ވަނީ އިންސާފު ގެއްލިފަ ކަމަށެވެ. އިންސާފު ގާއިމު ކުރާނެ ކަމުގެ ވައުދާ އެކު މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް އަދިވެސް އެތައް ބަޔަކަށް އިންސާފު ނުލިބޭ ކަމަށާއި މި ސަރުކާރަކީ ނުފޫޒުން އެއްކިބާވެފައިވާ ފަނޑިޔާރުގެއެއް ކަށަވަރު ކުރާނެ ކަމުގެ ވައުދުވި ސަރުކާރަކަށް ވިޔަސް އެކަން ވެސް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އިހުތިޖާޖު މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އިހުތިޖާޖު ކުރިޔަށްދާނީ ހުކުރު ދުވަހު ހަވީރު4:00ން6:00 އަށެވެ.
މި އިހުތިޖާޖުގައި އިންސާފު ނުލިބި ތިބި މީހުންނާއި އިންސާފަށް އެދި ގޮވާ އެންމެން ބައިވެރިވުމަށް ގޮވާލާފައިވެ އެވެ.
ޕީޕީއެމްއިން ބުނީ އިދިކޮޅު އިހުތިޖާޖު ބޭއްވުމަށް އެކަމުގެ ހުއްދައަށް، އިދިކޮޅުގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލްގައި އެދުމުން މިއަދު ހުއްދަ ވެސް ލިބިފައިވާ ކަމަށެވެ. އެހެންވެ އެ އިހުތިޖާޖު ކުރިއަށްދާ ވަގުތުގައި ސަލާމަތީ ކަންކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ވެސް ބުނެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދުގައި "އައްޑަނަ" ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް