ފުވައްމުލަކު ސިޓީގައި ދކޯވިޑް-19 އަށް ޕީސީއާރު ޓެސްޓު ނުހެދޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގަ ވިދާޅުވެފައިވަނީ ފުވައްމުލަކަކީ "ސިޓީ"ގެ ދަރަޖަ ދީފައިވާ ރަށެއް ކަމަށެވެ. އެހެން ކަމަށްވާއިރު، އެ ސިޓީގެ ރައްޔިތުން ޕީސީއާރު ޓެސްޓް ހަދަން ސާމްޕަލް ނެގުމަށް ފަހު އެ ސާމްޕަލް އެހެން ސިޓީއަކަން ފޮނުވައިގެން ޓެސްޓުގެ ނަތީޖާ ލިބެންދެން، ތިން ހަތަރު ދުވަހު މަޑުކުރަން ޖެހޭ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހުމުގެ ސަބަބުން ގިނަގުނަ ދަތިތަކާއި އުނދަގޫތަކެއް ފުވައްުލަކު ސިޓީގެ ރައްޔިތުން ތަހައްމަލުކުރަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ ހާލަތުގައި ވެސް ފުވައްމުލަކުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމެއް މިހާތަނަށް އައިއިރު ވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުން ދަތުރުފަތުރު ކުރަން ދަތިވެ، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އެ ސިޓީ އަށް ބޮޑެތި ދަތިކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅައިގެން، ފުވައްމުލަކު ސިޓީގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ދުވަސްވީއިރު ވެސް ހަމަޖެހިފައި ނުވަނީ ކީއްވެކަން ސާފުކުރުމަށެވެ.
ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލަކުގައި ހަމަޖެހޭނެ ތާރީހު ސާފުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ކޯވިޑް ފެތުރޭތީ މިހާރުވެސް އެ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. މިވަގުތު އެ ސިޓީގައި ކޯވިޑް-19 އަށް ޕޮސިޓް 115 މީހުން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް