އެމްޑީޕީ ތެރޭގައި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުން އަޔަސް މުޅި މަންޒަރު ކިލަނބު ވެގެން، ހަރާބު ވެގެންދާ ކަހަލަ ކަމެއް ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުނަދޫގައި އެވެ. އެމަނިކުފާނުވަނީ ފުނަދޫ އެމްޑިޕީ ގޮފީގެ މެމްބަރުންނާއި ވަކިން ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޕާޓީގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތަކަކީ ހައްލު ނުކުރެވޭނެ ކަންކަން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ކަންކަން ހައްލުވަނީ އެކި ހިޔާލުތަކުގެ ތެރެއިން ގޮތްތަކެއް ހޯދިގެން ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީއާ ވާދަކުރެވޭ ވަރުގެ އެހެން ސިޔާސީ ޕާޓީއެއް ރާއްޖޭގައި އަދި ނެތެވެ. އެތައް ގޮންޖެހުންތަކާއި އުނދަގޫތަކަކަށް ފަހު އެމްޑީޕީއަށް މިހާރު އޮތް މަގާމަށް އާދެވުނީ ހިޔާލު ތަފާތުވުންތަކަށް ޖާގަ ދީ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގެންނަވާ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުން ހުއްޓަސް މެމްބަރުން ބޭނުން ނުވާ މިސްރާބަކަށް ޕާޓީ ނުދާނެ ކަމުގެ ޔަގީންކަން ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް ދެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް