އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފި އެވެ.
އެމްއެމްއޭއަށް ޑިޖިޓަލް ބޭންކުގެ ހިދުމަތް ފެށުމުގެ ހުއްދައަށް އެދުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެކުންފުނިން ފަށަން ގަސްދުކޮށްފައިވާ ބޭންކިންގެ ހިދުމަތަކީ ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް ކަމަށެވެ.
މި ބޭންކު މެދުވެރިކޮށް އޮންލައިންކޮށް ފަސް މިނެޓު ތެރޭގައި އެކައުންޓު ހުޅުވާލެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި 60 ސިކުންތު ތެރޭގައި ލޯނަށް އެޕްލައިކޮށް، ލޯނުގެ ފައިސާ އެކައުންޓަށް ޖަމާވާނެ ކަަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ބޭންކު ހުޅުވާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ކަމަށެވެ. ބޭންކު ހިންގަން ބޭނުންވާ ތަޖުރިބާކާރުން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ޑިޖިޓަލް ބޭންކަށް ލައިސަންސަށް ހުށަހެޅުމަށްފަހު އެ މަރުހަލާގައި ތިން މަސް ނަގާނެ ކަމަށް އެމްއެމްއޭ އިން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށް ޑިޖިޓަލް ބޭންކިންގެ ލައިސެންސް ލިބުމުން ކަމަށް ވިދާޅުވި އެވެ.
މިހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު އެސްޓީއޯގެ ޑިޖިޓަލް ބޭންކުގެ ހިދުމަތް ފެށޭނީ އަންނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް